ރާއްޖޭގެ ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް، ސައުދީ އަރަބިއްޔާގެ ހައުސިން މިނިސްޓަރާއި ބައްދަލުކުރައްވައިފި އެވެ.
މުއްޠަލިބް މިހާރު ހުންނެވީ ސައުދީގެ ވެރިރަށް ރިޔާދުގައި ބާއްވާ ހަތަރުވަނަ ރިއަލް އެސްޓޭޓް ފިއުޗާ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ރަސްމީ ދަތުރެއްގައި އެ ގައުމުގަ އެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ އެ ދަތުރުގައި މުއްޠަލިބް ވަނީ ސައުދީގެ މުނިސިޕަލިޓީސް އެންޑް ހައުސިން މިނިސްޓަރ މާޖިދު ބިން އަބްދުﷲ އަލް-ހުގައިލްއާ މިދިޔަ ހަފުތާގައި ބައްދަލުކުރައްވާފައި ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި ކުރިއަށް އޮތް ތަނުގައި ތަރައްގީ އާއި ކުރިއެރުމަށް އިންވެސްޓްމަންޓް މަޝްރޫއުތައް އިތުރުކުރުމާއި ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ "ނިއު ފްރޮންޓިއާސް: ބެލެންސް އެންޑް އިނޮވޭޝަން އިން ދަ ރިއަލް އެސްޓޭޓް ލޭންޑްސްކޭޕް" މައުޟޫގައި ބޭއްވުނު ޕެނަލް ޑިސްކަޝަންގައި މުއްތަލިބް މުހިންމު ވާހަކަތަކެއް ވެސް ދެއްކެވި ކަމަށެވެ.
އެ ފޯރަމަކީ ރިއަލް އެސްޓޭޓް ދާއިރާގެ މުސްތަގުބަލާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.
މުއްތަލިބްގެ މި ދަތުރުން ރާއްޖެ އާއި ސައުދީއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެ، ރިއަލް އެސްޓޭޓް އަދި ހައުސިން ދާއިރާގައި އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް މިނިސްޓްރީން ބުންޏެވެ