ޤަޟާ ޤަދަރަށް އީމާންވުމަކީ އީމާންކަމުގެ މުހިންމު ރުކުނެއް: ޚުޠުބާ

އައިޝަތު ރުވާ ރިފްޢަތު | 42 ދުވަސް ކުރިން - 13:08
މަސްޖިދުއް މޫސާ އަލީ (އުލިގަން) / ފޮޓޯ: ޙުލާސާ
މަސްޖިދުއް މޫސާ އަލީ (އުލިގަން) / ފޮޓޯ: ޙުލާސާ
ޚުލާސާ

މުޞީބާތްތަކުގައި އެންމެ ވަރުގަދަ ހަތިޔާރަކީ ޤަޟާ ޤަދަރަށް އީމާންވުމާއި ކެތްތެރިކަން އިސްކުރުންކަމަށް ޚުޠުބާގައި ފާހަގަކުރި.

ޤަޟާ ޤަދަރަށް އީމާންވުމަކީ އީމާންކަމުގެ 6 ރުކުނުގެ ތެރެއިން އެއް ރުކުންކަމާއި، އީމާންކަން ފުރިހަމަވުމަށް ކޮންމެހެން ބޭނުންވާ މުހިންމު ކަމެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ޢުބާދަތު ބިން އައްޞާމިތު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘެއްގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން ތިބާއަށް ﷲ މިންވަރު ކުރައްވައިފައިވާ ކަމެއް ތިބާއަށް ނުޖެހި ނުދާނޭ ކަމަށާއި، އަދި ތިބާއަށް އެކަލާނގެ މިންވަރު ކުރައްވައިފައި ނުވާ ކަމެއް ތިބާއަށް ނުޖެހޭނެކަން ދެނެގެންފުމަށް ދާންދެން އީމާންކަމުގެ ޙަޤީޤީ ރަހަ ތިބާއަކަށް ނުލިބޭނެތެވެ"

އެގޮތުން ޤަޟާ ޤަދަރަށް އީމާންވުމުގައި 4 ކަމަކަށް އީމާންވާން ޖެހޭކަމަށް ޚުޠުބާގައި ތަފްޞީލުކޮށް ބަޔާންކުރެވުނެވެ:

1. މާތްﷲ ހުރިހާ ކަމެއް ދެނެވޮޑިގެންވާކަން: މީގެ ތެރޭގައި އުޑުތަކާއި ބިމުގައި ހިނގާ ހުރިހާ ކަމެއް، ވެފައިވާ އަދި ވާނޭ ހުރިހާ ކަމެއް ހިމެނެއެވެ. މިކަން ސާބިތުކޮށްދިނުމަށް ޤުރުއާނުގެ އާޔަތްތަކެއް ނަޤުލުކުރެވުނެވެ.

2. ލައުޙުލް މަޙްފޫޡުގައި ހުރިހާ ކަމެއް ލިޔުއްވާފައިވާކަން: އުޑުތަކާއި ބިން ހެއްދެވުމުގެ 50,000 އަހަރު ކުރިން މާތްﷲ ވަނީ ހުރިހާ ކަމެއް ލިޔުއްވާފައިކަން ބަޔާންކުރެވުނެވެ. މިކަމަށް ޤުރުއާނާއި ޙަދީޘުން ދަލީލު ގެނެވުނެވެ.

3. ހުރިހާ ކަމެއް ހިނގަނީ މާތްﷲގެ އިރާދަފުޅުންކަން: އެކަލާނގެ އިރާދަފުޅާ ނުލައި އެއްވެސް ކަމެއް ނުހިނގާނެކަން ބަޔާންކުރެވުނެވެ. މިކަމަށް ޤުރުއާނާއި ޙަދީޘުން ހެކި ގެނެވުނެވެ.

4. ހުރިހާ އެއްޗެއް ހެއްދެވީ މާތްﷲކަން: މީގެ ތެރޭގައި މަޚްލޫޤުންގެ ޢަމަލުތަކާއި އެ މަޚްލޫޤުންނަށް ލިބިފައިވާ ކުޅަދާނަކަންވެސް ހިމެނޭކަން ބަޔާންކުރެވުނެވެ.

ޚުޠުބާގައި ބުނީ، ޤަޟާ ޤަދަރަށް އީމާންވާ މީހަކު ދިރިއުޅުމުގައި ދިމާވާ ކަންކަމާ ކުރިމަތިލާނީ ހިތްހަމަޖެހުމާއެކުގައެވެ. ފިތުނައިގެ ސަބަބުން އެފަދަ މީހަކު ގުޑުގުޑުއަޅައިގެން ނުދާނެކަމަށެވެ. ދަތި އުނދަގޫކަމެއް ދިމާވުމުން ބަލިކަށިވެގެން ވެސް ނުދާނެކަމަށެވެ. ހުރިހާ ކަމެއް މެދުވެރިވެގެންދަނީ މާތް اللهގެ ޢިލްމުފުޅާއި އެކަލާނގެ އިރާދަފުޅުންކަން އިޢުތިޤާދުކުރާ ބަޔަކު ބިރުގަނެ، ހިތްނުތަނަވަސްވެ، މާޔޫސްވާކަށް ނުޖެހޭނެކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ.

އަދި މުޞީބާތްތަކުގައި އެންމެ ވަރުގަދަ ހަތިޔާރަކީ ޤަޟާ ޤަދަރަށް އީމާންވުމާއި ކެތްތެރިކަން އިސްކުރުންކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ.

މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އަޅަމެންނަށް ލިޔުއްވައިފައިވާކަމެއް މެނުވީ، އަޅަމެންނަކަށް ނުޖެހޭނެތެވެ. އެކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، މުއުމިނުން ހަމައެކަނި، ﷲ އަށް ވަކީލު ކުރާހުށިކަމެވެ!"

ޚުޠުބާގައި އިތުރަށް ބުނީ، މާތް ﷲ މި ކައުނުގައި ލައްވައިފައިވާ ހުރިހައި ކަމެއް ލައްވައިފައިވަނީ އަޅުތަކުންގެ މަޞްލަޙަތަށް ޓަކައިކަމަށެވެ. އަހަރެމެންނަށް އެ ކަން އެނގުނުކަމުގައި ވިޔަސް، އަދި ނޭނގުނު ކަމުގައި ވިޔަސް ހިނގާ ހުރިހައި ކަމަކީ އެ ކަމުގައި އެންމެ މަޞްލަޙަތު ހުރި ގޮތްކަމަށެވެ.އަދި އެކަލާނގެ ހައްދަވައިފައިވާ ތަކެއްޗާއި އެ ތަކެއްޗަށް މިންވަރުކުރައްވައިފައިވާ ގޮތް ދެނެވޮޑިގެންވަނީ ހަމަ އެކަލާނގެކަމަށް ޚުޠުބާގައި ބުންޏެވެ.

އެގޮތުން މާތް اللهގެ ޢަދުލުވެރިކަމާއި ރަޙްމަތްފުޅުގެ ވާހަކަވެސް ޚުޠުބާގައި ބަޔާންކުރިއެވެ. އެއްވެސް އަޅަކަށް ނުއުފުލޭވަރުގެ ތަކުލީފެއް އެކަލާނގެ ނުޖައްސަވާކަމާއި، އެއްވެސް އަޅަކަށް އަނިޔާވެރި ވެވޮޑިއެއްނުގަންނަވާނެކަން ޚުޠުބާގައި ފާހަގަކުރިއެވެ.

ޚުޠުބާ ނިންމާލަމުން، ޤަޟާ ޤަދަރަށް އީމާންވެ، ކެތްތެރިކަން އިސްކުރާ މީހުންނަށް ދުނިޔެއާއި އާޚިރަތުގައި ހިސާބުކުރެވޭނެ ވަރަށްވުރެ ގިނަ ދަރުމައާއި ސަވާބު ލިބޭނެކަން ބަޔާންކޮށް، ނަސޭހަތެރިވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%