ޅޮހީ ބަނދަރުގެ 60 އިންސައްތަ ނިމިއްޖެ - އެމްޓީސީސީ

އާނާ ފަހީމް | 89 ދުވަސް ކުރިން - 29 ޖެނުއަރީ 2025 19:29
ފޮޓޯ: އެމްޓީސީސީ
ފޮޓޯ: އެމްޓީސީސީ
ޚުލާސާ

ޅޮހީގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 60 އިންސައްތަ ނިމި ގިނަ މަސައްކަތްތަކެއް ކުރިއަށްދާއިރު، 68.7 މިލިއަން ރުފިޔާގެ މި މަޝްރޫޢު 640 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަވާލުކޮށްފަ.

ނ. ޅޮހީގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ރަނގަޅު ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ. 

އެމްޓީސީސީން މިއަދު ބުނީ ޅޮހީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމު ތޮށި ލުމުގެ މަސައްކަތުގެ 60 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި އެރަށުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތުގެ 55 އިންސައްތަ ވެސް ވަނީ ނިމިފައި ކަމަށް އެމްޓީސީސީން މަޢުލޫމާތު ދީފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ބަނދަރު ފުންކުރުމާއި، ނެރު ފުންކުރުން ހިމެނެއެވެ. މީގެ އިތުރުން 281 މީޓަރުގެ ބްރޭކްވޯޓަރެއް އަދި 40 މީޓަރުގެ ސަބްމާޖް ބްރޭކްވޯޓަރެއް ޖެހުމާއި، 95 މީޓަރުގެ ރިވެޓްމެންޓަކާއި 50 މީޓަރުގެ ގްރޮއިނެއް ޖެހުން ހިމެނެއެވެ. އަދި 366 މީޓަރުގެ އެއްގަމު ތޮށްޓަކާއި، 366 މީޓަރުގެ ސްކޯރިންގ އެޕްރޮނެއް ޖެހުމާއި، 10 މޫރިންގ ބޮއި ހަރުކުރުން ވެސް ހިމެނެއެވެ.

އެމްޓީސީސީން އިތުރަށް ހާމަކުރި ގޮތުގައި މި މަޝްރޫޢުގެ ދަށުން 121 އަކަމީޓަރުގެ ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް އެޅުމާއި، ނެވިގޭޝަން ލައިޓް ހަރުކުރުމާއި، 19 މަގުބައްތި ހަރުކުރުން އަދި 1,720 އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުން ހިމެނެއެވެ.

ޅޮހީ ބަނދަރު މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 68.7 މިލިއަން ރުފިޔާއަށް، 640 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%