ހއ. އިހަވަންދޫގައި އައިޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފިއެވެ.
މި ޚިދުމަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިހަވަންދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި އިހަވަންދޫގައި އައިޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ފަށްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އެވެ.
ދާޚިލީ ވުޒާރާއިން ބުނީ މިއާއެކު އިހަވަންދޫގައި އައިޑީ ކާޑު ޕްރިންޓް ކުރުމާއި ދޫކުރުމުގެ ޚިދުމަތާއި ފާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.
އިހަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް އިފްތިތާޙްކުރުން. / ފޮޓޯ: ރައީސް އޮފީސް
ހއ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގެ ތެރެއިން ވަނީ ދިއްދޫ އަށް ވަޑައިގެން އެ ރަށުގައި ވެސް އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފަށްޓަވާފައެވެ.
ސަރުކާރުން އަންނަނީ ރައްޔިތުންނަށް ލުއި ފަސޭހަވާނެ ގޮތަށް އައިޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތްތައް ރަށް ރަށާއި އަތޮޅުތަކުގައި ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.