ލ. ގަމުގައި ފެންބޮޑުވެގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ލ. ގަމަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެގެން އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ކ. ދިއްފުއްޓަށެވެ. އެގޮތުން 77.0 މިލިމީޓަރުގެ ވާރޭ އެރަށަށް ވެހިފައިވާ ކަމަށް މެޓް އިން ބުންޏެވެ.
ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ސ. ގަމަށެވެ. އެރަށަށް 68.4 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.
ރާއްޖޭގެ ސަރަޙައްދަށް މިހާރު ކުރަމުން އަންނަ ވިއްސާރައާ ގުޅިގެން އެކި ހިސާބުތަކަށް މިއަދު ވެސް ވަނީ ވައިޓް އެލާޓް ނެރެފައެވެ. އެގޮތުން ހއ އަތޮޅުން ފެށިގެން ވ އަތޮޅަށް، ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް އަދި ފ އަތޮޅުން ފެށިގެން ގދ އަތޮޅަށް މިއަދު ވަނީ ވައިޓް އެލާޓް ނެރެފައެވެ.