ސްރީލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސަގެ ދަރިކަލުން ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރުކޮށްފި

ޖަވާދު | 46 ދުވަސް ކުރިން - 13:19
ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން، ޔޮޝީތާ ރާޖަޕަކްސަ، ހައްޔަރުކޮށްގެން ގެންދަނީ. / ފޮޓޯ: ސޯޝަލް މީޑިއާ.
ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން، ޔޮޝީތާ ރާޖަޕަކްސަ، ހައްޔަރުކޮށްގެން ގެންދަނީ. / ފޮޓޯ: ސޯޝަލް މީޑިއާ.
ޚުލާސާ

ޔޮޝީތާ ހައްޔަރުކޮށްފައި ވަނީ ކޮރަޕްޝަނު ފައިސާއިން ސްރީލަންކާގެ ކަތަރަގަމަ ރިސޯޓުން ގެއެއް ގަނެފައިވާ މައްސަލައިގައި.

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން، ޔޮޝީތާ ރާޖަޕަކްސަ، ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.

ބޭރުގެ ނޫސް އެޖެންސީތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޔޮޝީތާ ހައްޔަރުކޮށްފައިވަނީ ރާޖަޕަކްސަގެ ވެރިކަމުގެ ދުވަސްވަރު، ސްރީލަންކާގެ ކަތަރަގަމަ ރިސޯޓުން ގެއެއް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންތައްތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތުގައެވެ.

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން، ޔޮޝީތާ ރާޖަޕަކްސަ.

މި މައްސަލައިގައި ސްރީލަންކާގެ ކުރީގެ ރައީސް، ގޮޓަބަޔަ ރާޖަޕަކްސައާ ވެސް އެ ގައުމުގެ ފުލުހުން ވަނީ މިދިޔަ ހަފުތާގައި ސުވާލު ކޮށްފައެވެ. ގޮޓަބަޔައަކީ ޔޮޝީތާގެ ބޮޑު ބޭބެއެވެ. ޔޮޝީތާއަކީ މަހިންދަ ރާޖަޕަކްސަގެ ތިން ދަރިކަލުންގެ ތެރެއިން ދެވަނައަށް ހުންނަ ބޭފުޅާއެވެ.

ޔޮޝީތާ ހައްޔަރުކޮށްފައިވަނީ މަހިންދަ ރާޖަޕަކްސައަށް އެ ގައުމުގެ ސަލާމަތީ ބާރުތަކުން ދިން ސެކިއުރިޓީ އިއާދަކޮށްދިނުމަށް އެދި ސުޕްރީމްކޯޓަށް ފަންޑަމެންޓަލް ރައިޓްސް ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށެވެ. މަހިންދަ ރާޖަޕަކްސައަށް ދޭ ސެކިއުރިޓީ ދަށްކުރީ ސްރީލަންކާގެ ސަރުކާރު ބަދަލުވުމަށްފަހު މިދިޔަ މަހުއެވެ.

މިދިޔަ ނޮވެމްބަރު މަހު ސްރީލަންކާގެ ވެރިކަމާއި އަނޫރާ ކުމާރާ ޑިސަނަޔަކެ ހަވާލުވެވަޑައިގަތުމަށްފަހު ކޮރަޕްޝަނުގެ ގިނަ މައްސަލަތަކެއް ދަނީ ތަހުގީގު ކުރަމުންނެވެ. އެގޮތުން މަހިންދަ ރާޖަޕަކްސަގެ ދޮށީ ދަރިކަލުން، ނަމާލް ރާޖަޕަކްސައާ ވެސް އެ ގައުމުގެ ފުލުހުން މީގެ ކުރިން ވަނީ ގެއެއް ގަތުމުގައި ކޮށްފައިވާ މުއާމަލާތްތަކާއި ގުޅޭ ގޮތުން ސުވާލު ކޮށްފައެވެ

ސްރީލަންކާގެ މިހާރުގެ ރައީސް، އަނޫރާ ކުމާރާ ޑިސަނަޔަކެ ވެރިކަމަށް ވަޑައިގަތީ މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ހިންގާފައި ހުރި ކޮރަޕްޝަންތަކުގެ މައްސަލަތައް ބަލައި އެކަމުގައި ބައިވެރިވެފައިވާ އެންމެން ހައްޔަރުކުރާނެ ކަމުގެ ރިޔާސީ ވައުދާއެކުއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%