ރައީސް، މާކުރަތު ކައުންސިލާއި ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއާއި ގުޅޭ މަޝްވަރާ ކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު | 50 ދުވަސް ކުރިން - 18:26
ރައީސް މާކުރަތު ކައުންސިލާއި ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އިފީސް
ރައީސް މާކުރަތު ކައުންސިލާއި ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އިފީސް
ޚުލާސާ

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ މާކުރަތުގެ ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވާލައްވާފައި.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ރ. މާކުރަތު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި މުއައްސަސާތަކުގެ އިސް ވެރިންނާއި ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށްޓަކައި ކުރަން ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މާކުރަތު ކައުންސިލު އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް މުހިންމު ކަންކަމާއި، އެކަންކަން ހާސިލްކުރުމަށް ހުރި ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލުން ވަނީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އަވަހަށް ފުރިހަމަކޮށްދެއްވުމަށާއި، ރަށުގެ ފެނާއި ނަރުދަމާގެ މައްސަލަ ހައްލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މީގެއިތުރުން ކައުންސިލުންވަނީ މާކުރަތު ސްކޫލުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ ސެން ޓީޗަރެއް ނެތުމުންނާއި، މަލްޓިޕާޕަސް ހޯލެއް ނެތުމުން ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ. އަދި ރަށުގެ ޒުވާނުންނަށް ޚާއްޞަ ފިޓުނަސް އެންޑް ރިކުރިއޭޝަން ސެންޓަރަކާއި، އާ ފުޓްސަލް ދަނޑެއް ބޭނުންވާކަން ވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރަށުގެ ޞިއްޙީ މަރުކަޒުގެ ހާލަތު ވެސް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ މާކުރަތުގެ ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވާލައްވާފައެވެ. އަދި ރަށު ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ވެސް އެ މަނިކުފާނު ވަނީ ޝަރަފުވެރި ކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދުގެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރި ކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާއެކު ސަރުކާރުގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%