ކުޑަކުދިން އެދުނު ގޮތަށް މި އަހަރުގެ ތެރޭގައި ކިނޮޅަހުގައި ޕާކެއް އަޅުއްވާނަން: ރައީސް

އައިޝަތު ރުވާ ރިފްޢަތު | 50 ދުވަސް ކުރިން - 14:51
ޚުލާސާ

މިއީ ރަށުގެ ކުޑަކުދިންގެ އެދުމަށް އިޖާބަދެއްވައި، އެ ކުދިންނަށާއި ރަށުގެ އާއިލާތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެއްވި.

ރ. ކިނޮޅަހުގެ ކުޑަކުދިން އެދުނު ގޮތަށް މި އަހަރުގެ ތެރޭގައި އެ ރަށުގައި ޕާކެއް އަޅުއްވައި ދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރ. އަތޮޅަށް އެ މަނިކުފާނު މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ކިނޮޅަހަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެ ރަށަށް ވަޑައިގެން ސަފުގައި ސަލާމް ކުރަމުން ދިޔައިރު ކުޑަކުދިން ކުދިކުދި ކަރުދާސްކޮޅުތައް ދެމުންދިޔަ ކަމަށެވެ. އެ ކަރުދާސްކޮޅުތަކުގައި އޮތީ "ކޮއްކޮ ކުޅެލާނެ ޕާކެއް ނެތީމަ ހާދަ ދެރަވެއޭ، ކޮއްކޮއަށް ޕާކެއް ހަދައިދޭށޭ" މިހެން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއްވެސް ތަފާތުކުރުމެއް ނެތި ބޮޑެތި އާބާދީތަކާއި ކުދި އާބާދީތަކުގައި ކުޑަކުދިންނަށް ކުޅެވޭނެ ގޮތަށް ޕާކްތައް ހެދުމަކީ ޙަޤީޤަތުގައި ތަރައްޤީ ގެނެސްދިނުމުގައި ވަރަށް މުހިންމު ކަމެއް. ހަމައެކަނި ބޭނުންވަނީ ރަށްރަށުގައި ހުންނަ އިމާރާތްތަކާއި މަގުތައް ތަރައްޤީ ކުރުން ފަދަ ބޮޑެތި ކަންކަމެއް ނޫން. އެއާއެކުގައި ބޭނުންވާނެ ތުއްތު ކުދިންނާއި އާއިލާތަކަށް ހިތްހަމަޖެހިލެވޭނެ ވަސީލަތްތައް ހުރުން. އެއީ ވަށާޖެހޭ ތަރައްޤީއެއް ސަރުކާރުން ގެނެސްދޭއިރު ފެނިގެންދާން ޖެހޭނެ ކަންކަން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މާލޭގައި ވެސް ތޮއްޖެހިފައިވާ ޙާލަތުގައި އެކި ގޮތްގޮތުން ޖާގަ އުފައްދައިގެން ގިނަ ޕާކުތައް ހަދާފައިވާނެ ކަމަށެވެ. މިފަދަ ޖާގަތައް އުފެއްދުމުން ރައްޔިތުންނަށް ހިތްހަމަޖެހުން ލިބޭނެ ކަމަށާއި، ސިކުނޑިއަށް ލިބޭ ހިތްހަމަޖެހުމަކީ މުހިންމު އެއްޗެއް ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސިޔާސަތުގައި ކަނޑައަޅާފައި އޮތީ ކޮންމެ ރަށެއްގައި ވެސް ޕާކު ހަދައި ދިނުމަށް. މިދިޔަ އަހަރުގައި ނެތް އެކަހަލަ މާގިނަ މަސައްކަތެއް ކުރެވިފައެއް. މިދިޔަ އަހަރު ވަރަށް މަސައްކަތްތަކެއް ކުރަން ޖެހުނު އިޤްތިޞާދަށް ކުރިއެރުންތަކެއް ގެނައުމަށް،" ރައީސް ވިދާޅުވިއެވެ.

މިހާރު ފާސްކޮށް ތަންފީޛުކުރާ ބަޖެޓުގައި އިޖްތިމާޢީ ދާއިރާގައި ކުރަން ހުރި ކަންކަމުގައިވާ ޕާކުތައް ހަދައިދިނުމާއި ކުޅިވަރު ކުޅޭ ވަސީލަތްތައް ޤާއިމްކޮށްދިނުމަށް އިސްކަމެއް ދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ. ދުޅަހެޔޮކަމަށާއި ސިކުނޑީގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ކުރުމަށް އިސްކަމެއް ދެއްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި އަހަރުގެ ތެރޭގައި ކިނޮޅަހުގައި ޕާކެއް ތަރައްޤީ ކޮށްދެއްވާނެ ކަމަށެވެ. މިއީ ރަށުގެ ކުޑަކުދިންގެ އެދުމަށް އިޖާބަދެއްވައި، އެ ކުދިންނަށާއި ރަށުގެ އާއިލާތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފަހަގަކުރެއްވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%