ރާއްޖޭގެ ރަށްރަށުގައި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުތައް މަޑުޖެހިފައިވާ މައްސަލައަށް ހައްލެއް ލިބިއްޖެކަމަށާއި ބޮޑު ހިލަ ލިބުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކޮށް، ވަރަށް އަވަހަށް ގިރާ ސަރަހައްދުތައް ހިމާޔަތް ކުރުމުގެ މަޝްރޫއުތައް ފަށްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރ. އަތޮޅުގެ 11 ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރ. ހުޅުދުއްފާރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުތައް ހުއްޓިފައި އޮތީ ބޮޑު ހިލަ ނުލިބިގެން ކަމަށެވެ. ނަމަވެސް، މިހާރު އެ މައްސަލަ ހައްލުކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ކުރިއަށް އޮތް މަސްތަކުގައި ޝެޑިއުލްއެއްގެ ތެރެއިން މި ރަށް ވެސް ހިމަނައިގެން އެމްޓީސީސީން ބޮޑު ހިލަ ޖައްސަން ޖެހިފައި ހުރި މަޝްރޫއުތައް، އެއީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި ބަނދަރުގެ އެކި ކަހަލަ ކަންކަން ހިނގައިގަންނާނެ," ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ގިނަ އަދަދެއްގެ ބޮޑު ހިލަ ވަރަށް އަވަހަށް ސަޕްލައި ކުރެވޭނެ ގޮތްތަކެއް މިހާރު ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ. މީގެ އިތުރުން، މި އަހަރު ހުޅުދުއްފާރާއެކު އެހެނިހެން ރަށްރަށުގެ ގިރާ ސަރަހައްދުތައް ހިމާޔަތް ކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ.
ހުޅުދުއްފާރުގެ ބަނދަރުގެ ބޭރު ތޮށި ބޭނުން ކުރެވޭ ކަހަލަ ގޮތަކަށް ބަދަލުކުރުމާއި، ސްކޫލަށް 12 ކްލާސް ރޫމް އިތުރު ކުރުން ފަދަ އެހެނިހެން ތަރައްގީގެ މަޝްރޫއުތަކެއް ވެސް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އަމާޒަކީ ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށް ދިނުމާއި، ރައްޔިތުންނަށް ކަންކަން ފަހިކޮށްދިނުމެވެ. މި ގޮތުން، ގިރާ ސަރަހައްދުތައް ހިމާޔަތްކުރުމުގެ މަޝްރޫއުތައް އަވަހަށް ފެށުމަކީ ރައްޔިތުންގެ އެދުމަކަށް ވެފައިވާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.