ރ އަތޮޅާއި ބ އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ޖުލައިގެ ކުރިން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އުނގޫފާރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމަކީ ރާއްޖޭގެ ތަރައްޤީއާއި އަތޮޅުތަކުގެ ތަރައްޤީއާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށެވެ. އެގޮތުން، އާރުޓީއެލްގެ ޚިދުމަތް އަދިވެސް ބައެއް އަތޮޅުތަކުގައި ނުދެވޭކަން ފާހަގަކުރައްވައި، މިއަހަރުގެ ތެރޭގައި މި ޚިދުމަތް ނުދެވޭ ހުރިހާ ހިސާބަކަށް ފުޅާކޮށް، ހުރިހާ ރަށަކަށް މި ޚިދުމަތް ލިބޭނެ ގޮތް ހެދުމަކީ އެމަނިކުފާނުގެ އަމާޒެއްކަމުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އާރުޓީއެލްގެ ޚިދުމަތް ދެން އެންމެ އަވަހަށް ފަށާނީ ރ. އަތޮޅުގައި ކަމަށާއި، އެއަށްފަހު ބ. އަތޮޅުގައި މި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. ރ. އަތޮޅުގައި އާރުޓީއެލް ސްޕީޑް ފެރީގެ ޚިދުމަތް ފަށާނީ އަންނަ ޖޫން މަހުގެ ތެރޭގައި ކަމަށާއި، ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައިވެސް މި ޚިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ކަނޑައަޅާފައި އޮންނާނެ މިއަހަރު ނިމުމުގެ ކުރިން މިގޮތަށް ޚިދުމަތް ނުދެވި ހުރި ހުރިހާ އަތޮޅެއްގައި އިރާދަކުރެއްވިއްޔާ އާރުޓީއެލްގެ ޚިދުމަތް އަޅުގަނޑުމެން ފަށާނަމޭ. އެގޮތުން އެންމެ އަވަހަށް މި ޚިދުމަތް ޤާއިމްވެގެންދާނެ އަތޮޅަކީ މި އަތޮޅުކަން (ރ. އަތޮޅުކަން) އަޅުގަނޑު ދަންނަވާލަން. މި އަތޮޅުގައި ޖޫން މަހުގައި. ބ. އަތޮޅުގައި ޖުލައި މަހުގައި." ރައީސް ވިދާޅުވިއެވެ.
އާރުޓީއެލްއަކީ ރައްޔިތުންނަށް ހެޔޮ އަގުގައި ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމުގެ ގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) މެދުވެރިކޮށް ސަބްސިޑައިޒްކޮށްގެން ސަރުކާރުން ދެމުން އަންނަ ހައިސްޕީޑް ފެރީގެ ޚިދުމަތެކެވެ. މި ޚިދުމަތުގެ ދަށުން މިހާރު ދެކުނުގެ ހަތަރު އަތޮޅު (ގއ، ގދ، ޏ، ސ) ވަނީ ގުޅާލާފައެވެ. އަދި އުތުރުގެ ހަތަރު އަތޮޅު ކަމުގައިވާ (ހއ، ހދ، ށ، ނ) ގައިވެސް މި ޚިދުމަތް ވަނީ ފަށާފައެވެ.