ރ. އުނގޫފާރުގައި 500 ހައުސިން ޔުނިޓު އަޅައި ސްކޫލް އަދި ހޮސްޕިޓަލް ތަރައްގީކޮށް ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރާނެ: ރައީސް

އާނާ ފަހީމް | 51 ދުވަސް ކުރިން - 07:48
ރައީސުލްޖުމްހޫރިއްޔާ ރ. އުނގޫފާރުގެ ރައްޔިތުންނާއި ބައްދަލްކުރައްވައި ވާހަކަފުޅުދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ރ. އުނގޫފާރުގެ ރައްޔިތުންނާއި ބައްދަލްކުރައްވައި ވާހަކަފުޅުދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރ. އުނގޫފާރު އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރުމަށް 500 ހައުސިން ޔުނިޓު އެޅުމާއި، ސްކޫލް އަދި ހޮސްޕިޓަލް ތަރައްގީކުރުމުގެ އިތުރުން ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމުގެ ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރ. އުނގޫފާރަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގައި500 ހައުސިން ޔުނިޓު އެޅައި ސްކޫލް އަދި ހޮސްޕިޓަލް ތަރައްގީކުރުމުގެ އިތުރުން ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރާނެ ޕްރޮޖެކްޓެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ރޭ ވިދާޅުވއެއްޖެއެވެ.

ރައީސް ވިދާޅުވީ އުނގޫފާރުގެ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި، އެއާއި އެކުއެކީ ބިން ހިއްކުމުގެ މަސައްކަތް ވެސް ފެއްޓިގެންދާނެ ކަމަށެވެ.

ތަޢުލީމީ ދާއިރާއަށް ބަލާއިރު، އުނގޫފާރު ސްކޫލަށް 16 ކްލާސްރޫމް އިތުރުކުރުމަކީ އެމަނިކުފާނުގެ ވަޢުދުފުޅެއް ކަމަށާއި، އެއް ދަންފަޅިއަށް ކިޔަވައިދެވޭ ގޮތަށް ސްކޫލަށް ބޭނުންވާ ހުރިހާ ވަސީލަތެއް މި ދައުރުގެ ތެރޭގައި ފުރިހަމަ ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާއަށް ބަލާއިރު، އުނގޫފާރު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ ގޮތުން ޚާއްޞަ ބަލިތަކަށް ފަރުވާދޭ ޑޮކްޓަރުންނާއި ވަސީލަތްތައް އިތުރުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަސައްކަތްތައް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ނިމިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާއިން، އުނގޫފާރުގައި ފީފާ ސްޓޭންޑަޑުގެ ފުޓުބޯޅަ ދަނޑެއް ގާއިމްކޮށްދެއްވުމަކީ އެމަނިކުފާނުގެ ވަޢުދުފުޅެއް ކަމަށާއި، އެފަދަ ދަނޑެއް އެޅުމުގެ އިތުރުން ކުޅިވަރުގެ ދާއިރާއިން އެރަށުގައި ފުރިހަމަކޮށްދޭން ވަޢުދުވި ހުރިހާ ވަސީލަތެއް އެރަށުގައި ގާއިމްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ އުނގޫފާރު ރައްޔިތުންނަށް ދެއްވާފައެވެ..

ރައީސް މުއިއްޒު ވިދާޅުވީ މި ހުރިހާ މަޝްރޫޢުތަކަކީ ވެސް އުނގޫފާރު އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރުމުގެ ބިޔަ މަޝްރޫޢުގެ ބައިތަކެއް ކަމަށެވެ. މި މަޝްރޫޢުތައް ފުރިހަމަވުމުން އުނގޫފާރަކީ އެރަށުގެ ރައްޔިތުންނަށާއި، އެރަށަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އަދި އެރަށަށް ހިޖުރަކުރާ ފަރާތްތަކަށް ބޭނުންވާ ހުރިހާ ޚިދުމަތްތަކެއް ލިބެން ހުންނާނެ ފުރިހަމަ އާބަން ސެންޓަރަކަށް ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%