ހުރިހާ ޚިދުމަތެއް އެންމެ މަތީ ފެންވަރުގައި ލިބޭ ރަށަކަށް އުނގޫފާރު ހަދާނަން: ރައީސް

އައިޝަތު ރުވާ ރިފްޢަތު | 52 ދުވަސް ކުރިން - 23:18
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުނގޫފާރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުނގޫފާރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އުނގޫފާރު ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރުގައި ހުރިހާ ޚިދުމަތެއް ލިބޭ ހޮސްޕިޓަލެއްގެ ގޮތުގައި ކުރިއަށް އޮތް 3 އަހަރު ދުވަހުގެތެރޭގައި ފުރިހަމަކުރައްވާނެ ކަމަށް ރައީސް ވިދާޅުވި.

ރ. އުނގޫފާރަކީ އެންމެ މަތީ ފެންވަރުގައި ހުރިހާ ޚިދުމަތެއް ލިބޭ ރަށަކަށް ހައްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ ވެރިކަންކުރާ ރަށް، އުނގޫފާރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްޤީގެ މާސްޓަރ ޕްލޭނުގެ ދަށުން 7 ރަށެއް އާބަން ސެންޓަރުގެ ގޮތުގައި ތަރައްޤީކުރުމަށް ކަނޑައަޅުއްވާފައިވާ ކަމަށާއި، އުނގޫފާރަކީ އެފަދަ އެއް ސެންޓަރުކަމަށެވެ. މި މަސައްކަތަކީ ސަރުކާރާއި ކައުންސިލާ ރައްޔިތުން ގުޅިގެން ކުރިއަށްގެންދަންޖެހޭ މަސައްކަތެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އުނގޫފާރު ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރުގައި ހުރިހާ ޚިދުމަތެއް ލިބޭ ހޮސްޕިޓަލެއްގެގޮތުގައި ކުރިއަށް އޮތް 3 އަހަރު ދުވަހުގެތެރޭގައި ފުރިހަމަކުރައްވާނެ ކަމަށެވެ. މީގެ އިތުރުން، ބޯހިޔާވަހިކަމުގެ މަސައްކަތުގެ ދަށުން އުނގޫފާރުގައި މި ދައުރުގެ ތެރޭގައި 500 ހައުސިންގ ޔުނިޓް ތަރައްޤީކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ތަޢުލީމީ ދާއިރާއިން ކުރަން ހުރި މަސައްކަތްތަކުގެ ތެރެއިން އުނގޫފާރު ސްކޫލުގައި އެއްދަންފަޅިއަށް ކިޔަވައިދެވޭނެގޮތަށް ކްލާސްރޫމްތަކާއި ވަސީލަތްތައް ޤާއިމްކޮށް ފުރިހަމަކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުޅިވަރުގެ ދާއިރާއިން ފީފާ ފެންވަރުގެ ސްޓޭޑިއަމެއް އުނގޫފާރުގައި ތަރައްޤީކުރުމަކީ އެމަނިކުފާނުގެ ވަޢުދެއްކަން ފާހަގަކުރައްވައި، އެ ވަޢުދުވެސް ފުއްދަވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

މީގެ އިތުރުން، އުނގޫފާރު ބަނދަރު ބޮޑުކުރުމާއި، އިޤްތިޞާދީ ނަފާ ލިބޭނެ ގިނަ ކަންކަން އެރަށުގައި ހިންގުމަށް ރާވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ޖުލައި މަހުގެ ނިޔަލަށް ރ. އަތޮޅާއި ބ. އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ފަށްޓަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.          

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%