ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ މާޅޮސްމަޑުލު އުތުރުބުރީ (ރ. އަތޮޅު) އަތޮޅު ކައުންސިލާއި ބައްދަލުކުރައްވައި، މުޅި އަތޮޅުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ ރ. އަތޮޅު ކައުންސިލް އިދާރާގައެވެ.
ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަތޮޅު ކައުންސިލުން ވަނީ ރ. އަތޮޅުގެ ރައްޔިތުން އެންމެ އެދޭ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާ ކުރައްވާފައެވެ. މީގެ އިތުރުން، އަތޮޅުގެ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އަތޮޅުގެ ތަރައްޤީއަށް ހުރި ހުރަސްތަކާއި ބެހޭގޮތުން ވެސް ކައުންސިލުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އަތޮޅު ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް އެކަށީގެންވާ ހައްލުތަކެއް ގެނެސްދިނުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށެވެ. އަދި އަތޮޅުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.