ރާއްޖެއަށް އޮތް ހަމައެކަނި ޙައްލަކީ އާބާދީ އެއްފަސްކުރުން: ރައީސް

ހުސައިން އިސްމާއިލް | 52 ދުވަސް ކުރިން - 21:59
ޚުލާސާ

ރާއްޖެއަށް އޮތް ހައްލަކީ އެއްފަސްކުރުން ކަމަށާއި، އެ އިންވެސްޓްމަންޓް ކުރަން ޖެހޭ ކަމަށާއި އަދި އެއީ ބޭކާރު އިންވެސްޓްމަންޓެއް ނޫން ކަމަށް ރައީސް ވިދާޅުވި.

ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް އާބާދީ އެއްފަސްކުރުމަކީ ހަމައެކަނި ހައްލު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރ. އަތޮޅަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި އެރަށުގައި މިހާރު ކުރިޔަށްދާ ޚާއްޞަ ޖަލްސާގައި އެމަނިކުފާނު ވިދާޅުވިއެވެ. "އެއީ ހައްލު. އެ އިންވެސްޓްމަންޓް ކުރަން މިޖެހެނީ. އެއީ ބޭކާރު އިންވެސްޓްމަންޓެއް ނޫން،"

އާބާދީ އެއްފަސްކުރުމުގެ މަޝްރޫޢުގެ ދަށުން ރާއްޖޭގައި 7 އާބަން ސެންޓަރު ޤާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ. މި ސެންޓަރުތަކުގެ ތެރެއިން އެއް ސެންޓަރު ޤާއިމުކުރާނީ ރ. އުނގޫފާރުގައެވެ.

އުނގޫފާރުގައި އާބަން ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން އެރަށުގައި 500 ހައުސިންގ ޔުނިޓުގެ މަޝްރޫޢެއް ފެށުމަށް އިޢުލާންކުރެއްވިއިރު އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މިހާރު ވަނީ ފަށާފައެވެ.

އުނގޫފާރަށް ރައީސް ވަޑައިގެންނެވުމުން އެމަނިކުފާނުގެ އަތްޕުޅަށް ކުޑަކުދިން ދެއްވި އެކިއެކި ނޯޓުކޮޅުތަކުގައިވާ މެސެޖުތަކަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ، އުނގޫފާރުގައި ފީފާ ސްޓޭންޑަޑްގެ ފުޓުބޯޅަ ދަނޑެއް ވެސް އަޅައިދެއްވާނެ ކަމަށާއި، ޑިގްރީ ކޯހާއި ނަރުހުންގެ ކޯސް ފަދަ މަތީ ތަޢުލީމުގެ ފުރުސަތުތައް ތަޢާރަފުކުރެއްވުމަށް ރޭވިފައިވާ ކަމަށެވެ. އަދި އެރަށުގެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެ، ޔަޤީންކަން ދެއްވީ، އާބަންސެންޓަރެއްގައި ހުންނަންޖެހޭ ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ފުރިހަމަ ކޮށްދެއްވާނެ ކަމަށެވެ.

ރާއްޖޭގެ މެދުރާސްތާ އަދި ދުރުރާސްތާގެ ތަރައްޤީއަށް އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްލޭނެއް ޤާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، އުތުރުގެ ހަތަރު އަތޮޅާއި ދެކުނުގެ ހަތަރު އަތޮޅުގައި އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯންތަކެއް ޤާއިމުކުރުމަށް ރޭވިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢުތަކަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކޮށް ފެންވަރު ރަނގަޅުކުރުމަށް އަޅާ މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަމަށް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

މުހައްމަދް

51 ދުވަސް ކުރިން - 06:00

މި ވާހަކަ ކޮފީ ޓޭބަލްތަކުގަ ދައްކާތާ ކޮން ޒަމާނެއް