ރ. އަތޮޅުގައި އައިޑީކާޑާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފަށައިފި

ހުސައިން އިސްމާއިލް | 52 ދުވަސް ކުރިން - 21:36
ޚުލާސާ

މި ޚިދުމަތް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ މިހާރު އެ އަތޮޅަށް ކުރައްވަމުންގެންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިރޭ އުނގޫފާރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޓެކްނޮލޮޖީއާއި ބެހޭ ވަޒީރު ޢަލީ އިޙްސާން.

ރ. އަތޮޅުގައި އައިޑީކާޑު ޕްރިންޓްކޮށް ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް މިރޭ އުނގޫފާރުގައި ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މި ޚިދުމަތް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ މިހާރު އެ އަތޮޅަށް ކުރައްވަމުންގެންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިރޭ އުނގޫފާރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، އަލްފާޟިލް ޢަލީ އިޙްސާނެވެ.

މި ޚިދުމަތް ފެށުމާއި ގުޅިގެން، ރ. އަތޮޅުގެ ރައްޔިތުންނަށް މާލެ ދަތުރުކުރުމަކާއި ނުލައި އެ ސަރަޙައްދުން އައިޑީކާޑާއި ޕާސްޕޯޓް ހެއްދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިއީ ސަރުކާރުން ލާމަރުކަޒީ އުސޫލުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އަނެއްކާވެސް އިތުރު ފިޔަވަޅެއް ކުރިއަށް އެޅުނު ކަމެކެވެ.

އުނގޫފާރަކީ މާލެ ފިޔަވައި އަތޮޅުތެރޭގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށުނު ތިންވަނަ ރަށެވެ. މި ޚިދުމަތް އަތޮޅުތެރޭގައި އެންމެ ފުރަތަމަ ފަށާފައިވަނީ ގއ. ވިލިނގިލީގައެވެ. ދެވަނައަށް ފަށާފައިވަނީ ދ. ކުޑަހުވަދޫގައެވެ.

މި ޚިދުމަތް އަތޮޅުތެރެއަށް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މީގެ މަޤްޞަދަކީ އައިޑީ ކާޑުގެ ޚިދުމަތް ރައްޔިތުންނަށް ވީހާވެސް އަވަހަކަށް އަދި ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އަދި މި ޚިދުމަތް ފޯރުކޮށްދިނުމުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ.

މި ޚިދުމަތް އުނގޫފާރުގައި ފެށުމާއެކު، ރ. އަތޮޅުގެ ރައްޔިތުންނަށް މާލެއަށް ދަތުރުކުރުމަކާ ނުލައި އައިޑީ ކާޑު ހެއްދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިއީ އަތޮޅުތެރޭގެ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ލުއިފަސޭހައެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%