އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށް ކުރެވެނީ އެ ކުންފުނީގެ ރަސްމީ ލިޔެކިޔުންތަކެއް ނައްތާލި ކަމުގެ ތުހުމަތު ކަމަށް ފުލުހުން ބުނެފިއެވެ.
ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދޫކޮށްފައިވާ މައްސަލައިގައި ފަޒުލްގެ ޕާސްޕޯޓު ހިފަހައްޓައި، ރާއްޖެއިން ފުރުން މަނާކޮށްފައި ވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ފަޒުލްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށާއި، ފުރުން މަނާކުރުމުގެ އަމުރު އަދިވެސް ދެމިއޮތް ކަމަށެވެ. އަދި މި މައްސަލައިގެ ތަޙުޤީޤު ދަނީ ކުރިއަށް ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ފަޒުލްގެ ގެ ބަލައި ފާސްކުރިއިރު، ދަބަހެއްގެ ތެރެއިން 1.4 މިލިއަނެއްހާ ރުފިޔާ ފެނުނު ކަމަށާއި، އެ ފައިސާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް މަޢުލޫމާތު ލިބެއެވެ. މި ފައިސާއާއި ގުޅޭގޮތުން "ރިލެކްސް ފެރީ ސާވިސް" ނަމަކަށް ކިޔާ ކުންފުންޏަކުން ބުނެފައިވަނީ، އެއީ ލޯންޗެއް ބަނުމަށް ފަޒުލްގެ ކުންފުންޏަށް ދިން ފައިސާ ކަމަށެވެ. ފަޒުލް ވަނީ އޭނާގެ ފޭސްބުކްގައި ވެސް އެ ޕޯސްޓް ޝެއަރ ކޮށްފައެވެ.
ފަޒުލްގެ މައްޗަށް ކުރެވޭ އިތުރު ތުހުމަތުތަކުގެ ތެރޭގައި، ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެއިން ބިންތަކެއް ދިނުމާއި، ވިނަރެސް ފްލެޓް ދިނުމުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގި ކަމަށް ބުނާ މައްސަލަތައް ހިމެނެއެވެ. މީގެ ތެރޭގައި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އޭނާގެ އެއްބަނޑު އެއްބަފާ ބޭބެއަށް ބިމެއް ދިން މައްސަލައެއް ވެސް ހިމެނެއެވެ.
ފަޒުލް ޔަޤީންކަން ދެއްވަނީ ޤާނޫނާއި ޚިލާފު ޢަމަލެއް އޭނާ ހިންގާފައި ނުވާ ކަމަށެވެ.
މި މައްސަލަތައް ތަޙުޤީޤުކުރަމުންދާތީ، ތަޙުޤީޤަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށް ބުނެ، މިދިޔަ މަހުގެ 21 ވަނަ ދުވަހު ފަޒުލް ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. މި މައްސަލަތަކުގެ ތަޙުޤީޤު ފުލުހުންނާއި އޭސީސީން ވެސް ކުރިއަށް ގެންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.