މި މަހުން ފެށިގެން ރ. އަނގޮޅިތީމުގެ މަޝްރޫޢުތަކުގައި ޢަމަލީ ކުލަޖެހިގެންދާތަން ފެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރ އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އަނގޮޅިތީމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުން މި ސަރުކާރަށް ވާރުތަވި ބޮޑެތި އިޤްތިޞާދީ މައްސަލަތައް ހަމަ މަގަށް އަޅުވަމުން އައިސް، އާ މަޝްރޫޢުތައް ފެށުމަށާއި، ހުއްޓިފައި ހުރި މަޝްރޫޢުތަކުގެ މަސައްކަތް އަލުން ފެށުމަށް މިހާރު މަގުފަހިކުރެވިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ މި މަހުން ފެށިގެން ކުރިއަށް އޮތް މަސްތަކަކީ މި އަހަރުގެ ތެރޭގައި އަނގޮޅިތީމުގެ ތަރައްޤީއަށްޓަކައި ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދާނެ ދުވަސްތައް ކަމަށެވެ. ރައީސް ވިދާޅުވީ އަނގޮޅިތީމުގައި ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށާއި އޭގެ ތެރޭގައިވެސް ފެނާއި ނަރުދަމާގެ މަސައްކަތް ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން އެ މަސައްކަތަކީ މިދިޔަ ސަރުކާރުން މަސައްކަތްތައް ކުރި ގޮތް ވަރަށް ރަނގަޅަށް ރަމްޒުކޮށްދޭ އެއް މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން ވަނީ އެއް ކުންފުންޏަކަށް ވަރަށް ގިނަ ރަށްރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް ދީފައި ކަމަށާއި، ގިނަ ރަށްރަށުގައި ހުރީ އެ މަސައްކަތްތައް ނުނިމި މަޑުޖެހިފައި ކަމަށެވެ.
ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި އިޤްތިޞާދީ ގޮތުން ޙައްލުކުރަން ޖެހުނު މައްސަލަތަކުގެ ސަބަބުން އެ މަޝްރޫޢުތައް ކުރިއަށް ނުގެންދެވުނު ނަމަވެސް މިހާރު އެ މަޝްރޫޢުތަކުގެ މަސައްކަތް ނިންމުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ. އެގޮތުން އަނގޮޅިތީމުގެ އިތުރުން އެ އަތޮޅުގެ އެހެން ރަށްރަށުގައި ހުއްޓިފައި ހުރި ފެނާއި ނަރުދަމާގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަނގޮޅިތީމުގައި އެ މަޝްރޫޢު ނިންމުމަށްފަހު، އެރަށުގެ މަގުތައް ހެދުމުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރ. އަނގޮޅިތީމު ރައްޔިތުންނާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
އަނގޮޅިތީމުގެ ބަނދަރުގެ މަޝްރޫޢުވެސް ހުއްޓިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އަނގޮޅިތީމުގެ ބަނދަރުގެ މަސައްކަތްވެސް ނިމިގެން ދާނީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ޖެޓީ އަދި މޫދަށް އެރޭ ސަރަޙައްދެއްވެސް ހިމެނޭ ގޮތަށް ކަމަށެވެ.
ރައީސް ވިދާޅުވީ ތަޢުލީމީ ދާއިރާއިން އަނގިޅިތީމަށް ބޭނުންވާ ކްލާސްރޫމާއި، މަލްޓި-ޕާޕަސް ހޯލް އަދި ކޮމްޕިއުޓަރ ލެބް ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށެވެ. އަދި ޞިއްޙީ މަރުކަޒަށްވެސް ބޭނުންވާ ވަޞީލަތްތަކާއި ޚިދުމަތްތައް މެދުނުކެނޑި ލިބޭނެގޮތް ހެދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ އިރު، އަނގޮޅިތީމުގެ ހޮސްޕިޓަލުގައިވެސް އެކަންތައްތައް ފަހިކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ކުޅިވަރު ކުޅުމަކީ ވަރަށް މުހިންމު ކަމެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އަނގޮޅިތީމުގައި ހޭންޑްބޯލް ކޯޓެއް އަޅައިދެއްވާނެ ކަމަށެވެ. އެ މަސައްކަތްތައް ނިންމުމަށްފަހު، ކުރީ ސަރުކާރުން ފަށާފައި ހުއްޓާލާފައި އޮތް ވިޒިޓާސް ސެންޓަރުގެ މަސައްކަތް ވެސް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.