20 އަހަރުގެ ތަރައްޤީގެ މާސްޓަރ ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ދެއްވުމަށް ރައީސް އެދިވަޑައިގެންފި

އަައިޝަތު ޒީނާ | 52 ދުވަސް ކުރިން - 17:26
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަނގޮޅިތީމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަނގޮޅިތީމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ މުޅި ރާއްޖޭގެ ތަރައްޤީގެ މާސްޓަރ ޕްލޭން ހެދިގެން ދާނީ ހުރިހާ ރައްޔިތުންގެ ވެސް ޝާމިލުވުން އޮވެގެން، ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް.

20 އަހަރުގެ ތަރައްޤީގެ މާސްޓަރ ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

ރ އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އަނގޮޅިތީމަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މުޅި ރާއްޖޭގެ ތަރައްޤީގެ މާސްޓަރ ޕްލޭން ހެދިގެން ދާނީ ހުރިހާ ރައްޔިތުންގެ ވެސް ޝާމިލުވުން އޮވެގެން، ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް 20 އަހަރަށް ރާއްޖޭގެ ތަރައްޤީ އޮންނަން ބޭނުންވާނެ ގޮތް ރައްޔިތުންގެ ކިބައިން އޮޅުން ފިލުއްވައިގެން ކުރުމުގެ މަސައްކަތް އިފްތިތާޙުކޮށްފައިވާނީ މިދިޔަ ނޮވެންބަރު މަހުގެ ފަހުކޮޅު ކަމަށާއި އެއް އަހަރު ދުވަހުގެ ތެރޭގައި އެ ޕްލޭންގެ މަސައްކަތް ނިންމުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ.

ރައީސް ވިދާޅުވީ އަނގޮޅިތީމުގައި ވެސް ވަރަށް އަވަހަށް ކައުންސިލް އަދި މުވައްސަސާތައް މެދުވެރިކޮށް ތަރައްޤީގެ މާސްޓަރ ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކަމާ ބެހޭ ވުޒާރާއިން އަންނާނެ ކަމަށާއި، އެމަނިކުފާނު އެދިވަޑައިގަންނަވަނީ އަނގޮޅިތީމާއި އަދި ރާއްޖޭގެ ހުރިހާ ރަށަކުން ވެސް ކުރިއަށް އޮތް 20 އަހަރު ތަރައްޤީ ބޭނުންވާ ގޮތަށް ރައްޔިތުންގެ ޚިޔާލު ދެއްވުމަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަނގޮޅިތީމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް

"އެގޮތުން ހެދޭ ޕްލޭނަކީ ޤާނޫނެއް އެކަމަށް ޚާއްސަކޮށް ހެދޭނެ ޕްލޭނެއް އަޅުގަނޑު ވައުދުވީ ގޮތަށް. އޭރުން ކުރިއަށް އޮތް 20 އަހަރު ދުވަހަށް ތިބޭފުޅުން ނިންމެވި ގޮތަށް ރާއްޖެ ތަރައްޤީ ވާނެކަން ޔަޤީން ވާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިޔާސީ ގޮތުން އަންނަ އެކި ކަހަލަ ބަދަލުތަކުން ރައްޔިތުން ނިންމި ގޮތް ބަދަލުނުވެ ތަރައްޤީވެގެން ދިއުމަކީ ރައްޔިތުންވެސް އެދޭނެ ގޮތް ކަމަށް އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

ރައްޔިތުން ބޭނުންވާ މިސްރާބަށް ރަށްރަށުގެ ތަރައްޤީ ގެންދިއުމަކީ ޢަމަލީ ގޮތުން އެ މަސައްކަތް ރައްޔިތުންނަށް ފެނި، ކުރިއަށް އޮތް ދުވަސްތަކުގައި އެކަންތައް ރައްޔިތުން ތަޖުރިބާ ކުރާނެ ކަންތައްތައް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ އަބަދުވެސް ރައްޔިތުންގެ ގާތަށް އައިސް، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށްފަހު ރައްޔިތުން ބޭނުންވާ އަމާޒަށް ވާޞިލްވުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެގޮތުގެ މަތިން މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އަރުއްވާކަމަށް ރައީސް ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%