ރ. ރަސްގެތީމަށް މި އަހަރު ތެރޭގައި ގިނަ މަޝްރޫޢުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވައިފިއެވެ.
ރ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަސްގެތީމަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި އަހަރު ތެރޭގައި ރަސްގެތީމުގައި ހަޤީޤީ ތަރައްޤީގެ ކުލަ ޖައްސަވާ ދެއްވާނެ ކަމަށެވެ. އެގޮތުން ރަށުގެ ބަނދަރު މަރާމާތުކުރުމާއި، ސްކޫލް ޖާގަ އިތުރުކުރުމާއި، ފުޓްސަލް ދަނޑު އެޅުމާއި، ކުނި މެނޭޖްކުރުމުގެ ނިޒާމު ޤާއިމުކުރުމާއި، ފެނާއި ނަރުދަމާގެ މައްސަލަ ހައްލުކުރުމާއި، މަގުތައް ހެދުމާއި، ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމާއި، ސިއްޙީ ޚިދުމަތްތައް ފުޅާކުރުން ފަދަ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މި އަހަރު ތެރޭގައި، މި ކަންތައްތައް ކުރިއަށް އޮތް މަސްތަކުގައި ވަރަށް އިސްކަމެއް ދީގެން، މިރަށުގައި ފަށައި ނިންމައިދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން," ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ރަސްގެތީމު ކައުންސިލްގެ އައު އޮފީސް އިމާރާތް ރައީސް ވަނީ ރަސްމީކޮށް ހުޅުއްވައިދެއްވާފައިކަނ ވެސް ފާހަގަ ކުރެވެއެވެ. މިއިމާރާތަކީ ކައުންސިލްގެ މަސައްކަތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ތަނަވަސް އިމާރާތެއް ކަމަށް ކައުންސިލްގެ ރައީސް މުޙައްމަދު ފަޠީން ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ރަސްގެތީމުގެ ތަރައްޤީއަށް ކުރަން ހުރި ހުރިހާ ކަމަކީ އެހެން ރަށްރަށާއި އެއްފަދައިން އެއް ފެންވަރެއްގައި އިސްކަންދީގެން ކުރިއަށް ގެންދާނެ ކަންކަމެވެ. އަދި މި އަހަރު ނިމޭއިރު ރަސްގެތީމުގެ ރައްޔިތުންނަށް އުފާފާގަތިކަމާއި ކުރިއެރުން ލިބިގެންދާނެ ކަމުގެ ޔަޤީންކަން ވެސް ރައީސް ދެއްވިއެވެ.