ރ. ރަސްގެތީމު ކައުންސިލްގެ އައު އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި އިމާރާތް ހުޅުއްވައިދެއްވީ ރ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަސްގެތީމަށް އެމަނިކުފާނު ވަޑައިގެންނެވެ.
ރަސްގެތީމު އައު ކައުންސިލް އިމާރާތް އެޅުމުގެ މަސައްކަތް ފެށިފައިވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ޕީއެސްއައިޕީ ބަޖެޓުގެ ދަށުން 2023 ވަނަ އަހަރުއެވެ. މި އިމާރާތް އެޅުމުގެ މައިގަނޑު ބޭނުމަކީ ކުރިން ބޭނުންކުރި ކައުންސިލް އިދާރާގެ އިމާރާތް ބާވެ ހަލާކުވުމާއި ގުޅިގެން، އެ އިމާރާތުގައި މަސައްކަތް ކުރަން ތިބެވެން ނެތުމުން ކައުންސިލްގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިއަށް ގެންދިއުމެވެ.
ރަސްގެތީމު ކައުންސިލްގެ ރައީސް މުޙައްމަދު ފަޠީން ވިދާޅުވިގޮތުގައި، މިހާތަނަށް ކައުންސިލްގެ މަސައްކަތް ކުރަމުން އައިސްފައިވަނީ އެރަށުން ތަނެއް ކުއްޔަށް ނަގައިގެންނެވެ. އައު އިމާރާތާއެކު ޖާގައިގެ ތަނަވަސްކަން ލިބި، މިހާރު ކައުންސިލަރުންގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އޮތް ދަތިކަމަށް ޙައްލު ލިބިފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
"މިއީ މުވައްޒަފުން އިތުރުވިއަސް ބޭނުންކުރެވޭ ކެޕޭސިޓީގެ އިމާރާތެއް. ކޮންމެ ކައުންސިލް މެންބަރަކަށް ރޫމެއް، ސެކްރެޓަރީ ޖެނެރަލް އަދި ބަޖެޓް ހެޑަށް ވެސް ވަކި ރޫމެއް ހިމެނޭ. ޑަބްލިޔުޑީސީގެ މަސައްކަތް އަދި އިދާރީ މަސައްކަތަށް ވެސް ޖާގަ ތަނަވަސްވެއްޖެ. ކޮންފަރެންސް ރޫމާއި ކައުންސިލް މީޓިން ރޫމެއް ވެސް ހިމެނޭ." ރަސްގެތީމު ކައުންސިލްގެ ރައީސް މުޙައްމަދު ފަޠީން ވިދާޅުވިއެވެ.
ކައުންސިލްތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ޙައްލުކުރުމަށް މި ސަރުކާރުން ވަނީ ޚާއްސަ މަސައްކަތްތަކެއް ފައްޓަވާފައެވެ. މިހާތަނަށް 105 ރަށެއްގައި ކައުންސިލް އައު އިމާރާތް އަޅަން ނިންމަވައި އެ ރަށްތައް އިޢުލާން ކުރައްވާފައިވާއިރު، 55 ރަށުގެ ކައުންސިލްގެ އިމާރާތް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކާއި ހަވާލުކުރައްވާފައި ވެއެވެ. ސަރުކާރުގެ ޢަމާޒަކީ މި ދައުރު ނިމޭއިރު، ކައުންސިލްތަކުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދިނުމެވެ.