ރ. ވާދޫން ގޯތި ވެސް ކަނޑައިދީ، ތަރައްޤީގެ ކުލަ ޖައްސަވަނީ

އުސްތާޛް މުޙައްމަދު ޢަލީ | 52 ދުވަސް ކުރިން - 13:32
ޚުލާސާ

ރައީސް ވިދާޅުވީ ދެން ވާދޫއަށް ވަޑައިގަންނަވާނީ މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރެއްވުމަށް.

ރ. ވާދޫގެ ތަރައްޤީއަށް ރޭވިފައިވާ ގިނަ މަޝްރޫޢުތައް މިއަހަރު ނިންމަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ރ. އަތޮޅުގެ ބައެއް ރަށްރަށަށް ފެއްޓެވި ދަތުރުފުޅުގައި ވާދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް، ރ. ވާދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ތެރެއިން. މި ޒަޢާމަތުގައި ރ. ވާދޫ އަށް ތަރައްޤީގެ އައު ބަދަލުތަކެއް އެރަށު ރައްޔިތުން އެދޭ ގޮތަށް އަންނާނެ.

ރައީސްގެ ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދުތައް ފުރިހަމަ ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އެގޮތުން، އެ ރަށުގެ ކުނިކޮށި މިހާރު ހުރި ތަނުގެ ސަބަބުން ގޯތި ނުދެވި އޮތް މައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކޮށްދެއްވައި، ގޯތި ދޫކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

"އެހެންވީމާ އިރާދަކުރެއްވިއްޔާ އެ ކުނީގެ މައްސަލަ ހަމަޖެހިގެންދާނެ ވަރަށް އަވަހަށް ބަދަލުކުރެވިގެން. ރީލޮކޭޓުކުރެވުނީމަ، އަދި ދާއިމީކޮށް ވެސް ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ވެސް އިރާދަކުރެއްވިއްޔާ ގެންނާނަން," ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މި އަހަރު ނުވަތަ އަންނަ އަހަރު ތެރޭ ވާދޫގައި ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް، ބޮޑުހިލަ ލިބުމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރ. ވާދޫ ކައުންސިލާއި ރައީސް މުޢިއްޒު އަދި ކައުންސިލްތަކާއި ސިޓީތަކާބެހޭ މިނިސްޓަރު ބައްދަލުކުރައްވަނީ. ވާދޫ ތަރައްޤީވެގެންދާނީ އެރަށު ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް.

ރައީސް ވިދާޅުވީ، ވާދޫ ބަނދަރު ތަރައްޤީކުރުމާއި، ސްކޫލުގައި ސްޓާފްރޫމާއި ކޮންޕިއުޓަރ ލެބެއް ތަރައްޤީކުރުމުގެ މަސައްކަތް ވެސް ކައުންސިލާއި ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށްގެންދަވާނެ ކަމަށެވެ. އަދި މުޅި ވާދޫއަކީ އިއާދަކުރަނިވި ހަކަތައިން ހިންގާ މޮޑެލް ރަށަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެން އެރަށަށް ވަޑައިގަންނަވާނީ މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރެއްވުމަށް ކަމަށެވެ. އަދި ސަރުކާރު އޮންނާނީ ރައްޔިތުންގެ ފަޅީގައި ކަމަށާއި، ތަރައްޤީއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

           

TelegramTwitterYoutubeTiktokViberFacebookInstagram

2 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%