ރައީސް ދެއްވީ ވާދޫގެ ގިނަ މަޝްރޫޢުތައް މިއަހަރު ނިންމަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން

އައިޝަތު ރުވާ ރިފްޢަތު | 98 ދުވަސް ކުރިން - 21 ޖެނުއަރީ 2025 12:33
ރައީސް ވާދޫގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ރައީސް ވާދޫގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ވާދޫގެ ރަށްގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، ބޮޑުހިލަ ގެނައުމުގައި ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް މާލީ ވުޒާރާއާއި އެމްޓީސީސީއާއި އެސްޓީއޯ ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި.

ރ. ވާދޫގެ ތަރައްޤީ އަށް ރޭވިފައިވާ ގިނަ މަޝްރޫޢުތައް މިއަހަރު ނިންމަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އަދި ދެން އެރަށަށް ވަޑައިގަންނަވާނީ އެ މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރެއްވުމަށްކަމަށްވެސް ވިދާޅުވެފައިވެއެވެ. ރައީސް މިފަދައިން ވިދާޅުވީ ވާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ރ. ވާދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ތެރެއިން.

ރައީސްގެ ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދުތައް ފުރިހަމަ ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ވާދޫއަކީ އަބަދުވެސް އަމިއްލަ އިސްނެގުމާއެކު ވަރަށް އުފެއްދުންތެރި ވިސްނުމާއެކު ގިނަ ކަންތައްތަކެއް ކުރަމުންދާ ރަށެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ވާދޫން ގޯތި ދޫކުރުމުގައި މިވަގުތު އޮތް ދަތިކަމަކީ އެ ސަރަހައްދުގައި ހުރި ކުނިކޮށި އެހެން ސަރަހައްދަކަށް ބަދަލުކުރުން ކަމަށެވެ. ނަމަވެސް ލަސްތަކެއްނުވެ އެކަންކަން އަވަހަށް ހައްލުކޮށް ގޯތި ދޫކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ކުނި މެނޭޖު ކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން، ރަށް ގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، ބޮޑުހިލަ ގެނައުމުގައި ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް މާލީ ވުޒާރާއާއި އެމްޓީސީސީއާއި އެސްޓީއޯ ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވާދޫގެ ހުއްޓިފައިވާ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި، ރައްޔިތުން އެދޭގޮތަށް ބަނދަރު ތަރައްޤީ ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ސްކޫލަށް ބޭނުންވާ އިތުރު ވަސީލަތްތައް ފޯރުކޮށް ދިނުމާއި، ސިއްހީ ދާއިރާ ތަރައްޤީ ކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ވާދޫއަށް ބިން އިތުރު ކުރުމުގެ މަސައްކަތް މިއަހަރު ނުވަތަ އަންނަ އަހަރު ކުރިއަށް ގެންދަވާނެ ކަމަށާއި، ފުލުހުންގެ ޚިދުމަތް ފުޅާ ކުރުމަށް ވެސް މަޝްރޫޢެއް ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކަރަންޓުގެ މައްސަލައަށް ހައްލު ގެނައުމަށް މަޝްރޫޢެއް ފަށްޓަވާފައިވާ ކަމަށާއި، ރޯދައިގެ ކުރިން ހުރިހާ ރަށަކަށް އެ މައްސަލަ ހައްލުކޮށްދިނުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި 2028 ވަނަ އަހަރުގެ ނިޔަލަށް މުޅި ރާއްޖޭގެ ކަރަންޓުގެ ޚިދުމަތުގައި މަދުވެގެން 33 ޕަސަންޓް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ވާދޫގެ ހުރިހާ ހަކަތައެއް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރު އޮންނާނީ ރައްޔިތުންގެ ފަޅީގައި ކަމަށާއި، ތަރައްޤީއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި ދެން ވާދޫއަށް ވަޑައިގަންނަވާނީ ގިނަ މަޝްރޫޢުތަކެއް ނިމި އެކަން ފާހަގަ ކުރުމަށްކަމަށް އުންމީދު،ކުރައްވާ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%