މަސްތުވާތަކެއްޗާއި ދުންފަތުން ދުރުހެލިވުމަށް ދޭ ފަރުވާގެ މުއްދަތުގައި ސިއްހީ ނުރަނގަޅު ހުރިހާ އާދަތަކުން ދުރުހެލިވުމަށް ބާރުއެޅުމާއި ގުޅޭ ގޮތުން ކަމާއިބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވައިފި އެވެ.
ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ބުނީ މި މަޝްވަރާކޮށްފައި ވަނީ އެ އެޖެންސީގެ ބޯޑުގެ މެންބަރުންނާއި ވެރިންނާއި ދުންފަތް ކޮންޓްރޯލްކުރާ ބޯޑުގެ މެންބަރުންނާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި އެންޑީއޭގެ ފަންނީ މުވައްޒަފުންނާއި އެކު އެ އެޖެންސީގައި ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.
މި ބައްދަލުވުމުގައި ވަނީ ފަރުވާގެ ހިދުމަތް ހޯދާ މީހުން ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމާއި ފަރުވާދޭ މަރުކަޒުތަކަކީ ދުންފަތުގެ އިސްތިއުމާލުކުރުމުން ރައްކާތެރި މާޙައުލެއްކަން ކަށަވަރު ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އެކަމުން ދުރުހެލިކުރުވުމުގެ ގޮތުން ކަމާއި ގުޅޭ ތަމްރީނުތައް ފުރިހަމަކޮށް، ހުނަރުވެރި ބަޔަކަށް ހެދުމަށް ވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކޮށްފައި ވެއެވެ.
އެންޑީއޭ އިން ބުނީ މަސްތުވާތަކެތި ބޭނުންކުރުމާއި ދެވިހިފުމުގެ ބަލި ތަހައްމަލުކުރާ ގިނަ މީހުންނަކީ ދުންފަތުގެ ބާވަތްތަކަށް ވެސް ދެވިހިފާފައިވާ ބަޔަކަށް ވާތީ، ސިއްހީ ނުރަނގަޅު ހުރިހާ އާދަތަކުން ދުރުހެލި ކުރުވުމަށް، ފަރުވާގެ މުއްދަތުގައި ބާރުއަޅައި މަސައްކަތް ކުރުމާއި ގުޅޭ ގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ދުންފަތް ކޮންޓްރޯލްކުރުމަށް މަސައްކަތް ކުރުމަށް ހާއްސަ މާސްޓަ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްކުރުމަށް ނިންމަވައިފަ އެވެ. ދުންފަތް ކޮންޓްރޯލްކުރުމާއި ބެހޭ ގާނޫނާއި ގަވާއިދު ތަކަށް ގެނައި ބަދަލުތައް ތަންފީޛު ކުރުމާއިއެކު، ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެކި ފިޔަވަހިތަކަށް ބަހާލައިގެން މަސައްކަތް ކުރުމަށް ވެސް ރައީސް ނިންމަވާފައިވެ އެވެ.