ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިދިޔަ ޑިސެމްބަރު މަހު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކުގެ ދަށުން އައްޔަނުކުރެއްވި ހަތަރު ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މިއަދު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމުގައި ހާޒިރުވެ ވަޑައިގެން ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ މި ހަތަރު ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކޮށްފައެވެ. ރުހުން ދެވުނު ވަޒީރުންނަކީ:
1. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ: މޫސާ ޒަމީރު (ތ. ބުރުނި، ނިވައިދޮށުގެ)
2. މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް: ޑރ. އަލީ ޙައިދަރު އަޙްމަދު (މއ. ވެނީލާގެ)
3. މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ: ޑރ. މަރްޔަމް މާރިޔާ (މއ. މާރާދަގެ)
4. މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ: ޑރ. އަބްދުﷲ މުއްތަލިބު (ގދ. ފިޔޯރީ، ގުލްބަކާގެ)
މި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވުނު ދައުރުން ބޭރުގެ ޖަލްސާގައެވެ.
މި ބަދަލުތަކާއެކު، ކުރިން އޮތް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ވަނީ އުވާލައިފައެވެ. އަދި އެ މިނިސްޓްރީގެ މެންޑޭޓުތައް އެހެން މިނިސްޓްރީތަކަށް ބަދަލުކޮށްފައިވެއެވެ. މިގޮތުން، ޕްލޭނިންގގެ މަސައްކަތް މިހާރު ހަވާލުކޮށްފައިވަނީ ފިނޭންސް މިނިސްޓްރީއާއެވެ. އަދި ބޯހިޔާވަހިކަމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަލަށް އުފައްދާފައިވާ ކޮންސްޓްރަކްޝަން މިނިސްޓްރީއާއެވެ.
ސަރުކާރުން ބުނިގޮތުގައި މި ބަދަލުތަކަކީ ސަރުކާރުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ޚިދުމަތްތައް ފުޅާކުރުމަށް ގެންނަވާފައިވާ ބަދަލުތަކެކެވެ.
ގާނޫނުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ބަދަލެއް ގެންނެވި ނަމަވެސް އަދި ވަޒީރުންގެ މަޖިލީހަށް ބޭފުޅަކު އައްޔަންކުރެއްވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހެއެވެ.