"އޮޕަރޭޝަން ކުރަނގި"ގެ ދަށުން މިއަހަރުގެ އޭޕްރީލް މަހާއި ހަމައަށް ބިދޭސީންގެ ފިންގަރޕްރިންޓް ނެގުމުގެ މަސައްކަތް ނިންމާލުމަށްފަހު، ދެން ކުރިއަށްދާނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޞިއްދީޤު ވިދާޅުވީ މި ޕްރޮގްރާމް އެއްކޮށް ނިންމާލެވޭނީ 2027 ވަނަ އަހަރުގައި ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރޕްރިންޓް ނެގުމުގެ މަސައްކަތް މިއަހަރުގެ އޭޕްރީލް މަހަށް ނިންމާލެވޭނެ ކަމަށް ޞިއްދީޤު ވިދާޅުވިއެވެ.
ޞިއްދީޤު އިތުރަށް ވިދާޅުވީ، ބިދޭސީންގެ ފިންގަރޕްރިންޓާއި ބަޔޯޑާޓާ ނެގުމަށްފަހު ދެން ކުރިއަށްދާނީ ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ މަސައްކަތެވެ. މި މަސައްކަތުގައި އިމިގްރޭޝަނާއި ފުލުހުން ވެސް ބައިވެރިވާނެ ކަމަށް ޞިއްދީޤު ވިދާޅުވިއެވެ.
"ފޯނުން ފޮޓޯ ނަގާލުމުން އެނގޭނެ އޭނާއަކީ އަޅުގަނޑުމެންގެ ޑޭޓާ ބޭސްއަށް ވަދެފައޮތް މީހެއްތޯ. ނުވަތަ ކޮންމެ ފިންގަރޕްރިންޓެއް ވެސް ޖަހާލީމަ އެއީ ކާކުކަން ސިސްޓަމްއިން އެނގޭނެ," ޞިއްދީޤު ވިދާޅުވިއެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ 2024 ވަނަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުއެވެ. މިހާތަނަށް މި ޕްރޮގްރާމްގެ ތެރެއިން 25,483 ބިދޭސީއެއްގެ ބަޔޯމެޓްރިކް ޑޭޓާ ވަނީ އެއްކޮށްފައެވެ.
ޞިއްދީޤު ވިދާޅުވީ، މި އޮޕަރޭޝަންގެ ދެވަނަ ފިޔަވަހީގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އިތުރު ފުރުޞަތެއް ނުދޭނެ ކަމަށާއި، އެފަދަ މީހުން ޖެހޭނީ ރާއްޖެ ދޫކޮށް ދިޔުމެވެ. އެހެންކަމުން، މިހާރު ކުރިއަށްދާ އޮޕަރޭޝަނަށް ބިދޭސީން މަޢުލޫމާތު ދިނުމަށް ޞިއްދީޤު އިލްތިމާސްކުރެއްވިއެވެ.