މާލޭގެ އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ތިން މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިރޭ ބުނެފި އެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ އިންޑިއާ ތިން ފިރިހެނެކެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާރާމާރީ ހިންގި ތިން މީހުން ވެސް މިހާރު ތިބީ އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެ އެންމެން ވެސް ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް އެ ކަހަލަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ބިދޭސީންތަކެއް މާރާމާރީ ހިންގާ މަންޒަރު އެ ސަރަޙައްދުގައި ހުރި ދިވެއްސަކަށް ފެނި އެ މަންޒަރު ރެކޯޑުކުރަން ފެށުމުން އެ މީހުން ވަނީ އޭނާއަށް ހަމަލާ ދީފަ އެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯ އަދި ވީޑިއޯތަކުން ވެސް ފެންނަނީ މާރާމާރީ ހިންގި އެކަކު ވީޑިއޯ ރެކޯޑުކުރަން ހުރި މީހާއަށް ހަމަލާދޭ މަންޒަރެވެ.
މިއީ އާޓިފިޝަލް ބީޗުގައި ހިނގި މިފަދަ ފުރަތަމަ ހާދިސާއެއް ނޫނެވެ. މިދިޔަ މަހު ވެސް ބިދޭސީންތަކެއް އެތަނުގައި މާރާމާރީ ހިންގި މައްސަލައެއްގައި އިންޑިއާގެ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އެ ފަހަރު ހައްޔަރުކުރި އެންމެން ވެސް ޑީޕޯޓްކުރަން ވަނީ ނިންމައިފަ އެވެ.