ދިވެހިންނަކީ ނާތަހުޒީބު ބައެއްކަން ދައްކަން އުޅުމަކީ ދަށުދަރަޖައިގެ ޢަމަލެއްކަމަށް ވިދާޅުވެ, އުމަރު ނަސީރު ދައްކަވާފައިވާ ދަށު ދަރަޖައިގެ ވާހަކަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ރައްދު ދެއްވައިފިއެވެ.
މިއީ މީޑިއާއެއްގައި ވާހަކަދައްކަވަމުން މަގުމަތިން ވެރިކަން ވައްޓާލަން ރައްޔިތުން ނިކުންނާނެ ކަމަށް ދޭހަވާ ގޮތަށް ޢުމަރު ނަސީރު ވާހަކަދެއްކެވުމާއި ގުޅިގެން ދެއްވާފައިވާ ރައްދެކެވެ.
މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ބިނާކުރަނިވި ފާޑުކިއުމަށް ޖާގަ ދެއްވާ ބޭފުޅެއް ކަމަށާއި، މިއީ ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރަން ނުކުންނަ ކޮންމެ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ސިފައެއް ކަމަށެވެ.
"ފާޑުކިޔުމުގެ ނަމުގައި ދިވެހިންނަކީ ނާތަހުޒީބު އަދި ޑިމޮކްރެސީއާއި ދުރުބައެއްކަން ދައްކަން އުޅުމަކީ، ދަށު ދަރަޖައިގެ ޢަމަލެކެވެ. މިއީ ރައްޔިތުންނަށް ހަޖޫޖެހުމެވެ،" ނައިބު ރައީސް ވިދާޅުވިއެވެ.
ސަރުކާރާއި ދެކޮޅު ސިޔާސީ ފަރާތްތަކުން ސަރުކާރަށް ތަފާތު ގޮތްގޮތުން ފާޑުކިޔަމުންދާއިރު، ރައީސް މުޢިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރުގައި އެއްވެސް ސިޔާސީ ފަރާތަކަށް ސިޔާސީ ގޮތުން ހައްޔަރުކޮށް ދަޢުވާ ނުކުރައްވާނެ ކަމަށާއި، ސަރުކާރަށް ފާޑުކިއުމުގެ ޖާގަ ހުރިހާ ފަރާތަކަށްވެސް އޮންނާނެ ކަމަށް ވިދާޅުވެފައެވެ.