ޣައްޒާގައި 15 މަސްދުވަހުގެ މުއްދަތަކަށް ދެމިގެންދިޔަ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް އާދެވިފައިވާތީ ދިވެހިރާއްޖެއިން އުފާފާޅުކޮށް އެކަމަށް މަރުޙަބާ ދަންނަވައި، ފަލަސްޠީނަށް ދީފައިވާ ގެއްލުންތަކަށް ބަަދަލު ދިނުމަށް އެދި ރާއްޖޭގެ ރައީސުލްޖުމަހޫރިްްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައިފިއެވެ.
ހަނގުރާމަ ހުއްޓާލަން ދެފަރާތުން އެއްބަސް ވެއްޖެ ކަމަށް ޤަޠަރުން އިޢުލާމް ކުރެއްވުމުން ރައީސް އޮފީހުން ކުރި އެކްސްގައި ވަނީ މި ހަނގުރާމައިގެ ސަބަބުން ގިނަ އަދަދެއްގެ މީހުންގެ ފުރާނަ ގެއްލި، ނުހަނު ބޮޑު ވޭނެއް ލިބިފައިވާކަން ފާހަގަކުރައްވާފައެވެ.
ނަސްލު ނައްތާލުމަށްޓަކައި ކުރި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމާއި ވިދިގެން ރައީސް ޑރ. މުޢިއްޒުގެ ބަޔާނުގައި، މި އެއްބަސްވުމަށް ވާސިލުވުމަށް މަސައްކަތްކުރި ޤައުމުތަކަށް ޝުކުރު އަދާކޮށް، ސުލްޙަ ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތައް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.
އަދި ހަމަ މިއާއެކު، ހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށް ދިޔަ ފަލަސްޠީނު ރައްޔިތުން އެނބުރި އެމީހުންގެ ގެތަކަށް ދިއުމަށާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރި ހުރަސްތައް ނައްތާލުމަށް ދުނިޔޭގެ ޤައުމުތަކުން މަސައްކަތްކުރުމަށް ވެސް ގޮވާލެއްވިއެވެ..
ރައީސް ގޮވައިލެއްވީ، އިޒްރޭލުން ފަލަސްޠީނަށް އެތައް ޒަމާނެއް ވަންދެން ދެމުންދިޔަ އަނިޔާވެރިކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށެެވެ. އަދި ޣައްޒާ އަލުން ބިނާކުރުމަށްޓަކައި ބައިނަލްއަޤްވާމީ އެއްބާރުލުން ބޭނުންވާކަމާއި، އެތަނުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ވަސީލަތްތައް އަލުން ޤާއިމުކުރުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ.
ފަލަސްޠީނުގެ މައްސަލައަށް ތާއީދުކުރުމުގައި ދިވެހިރާއްޖެ ދެމިހުންނާނެކަން ތަކުރާރުކުރައްވައި، ޢަދުލު އިންސާފު ޤާއިމުކުރުމާއި، ޒިންމާދާރުކުރުވުމާއި، ފަލަސްޠީނުގެ މިނިވަންކަން ޤަބޫލުކުރުމުގެ މުހިންމުކަން ވެސް އެމަނިކުފާނުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ފަލަސްތީނުގެ ހަނގުރާމަ ހުއްޓަލުމަށް ދެފަރާތުން ވެސް އެއްބަސްވެފައި ވާއިރު، ޙަމަލާތައް ހުއްޓާލުމުގެ ސުންގަޑިއަކީ އާދީއްތަ ދުވަހުގެ 12:15 އެވެ.