ރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު އިޤްތިޞާދީ އަދި ފަތުރުވެރިކަމުގެ ގުޅުން ބަދަހިކުރުމަށް އަޒަރުބައިޖާންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒުގެ ނައިބު، އެލްނޫރު މަމަދޮވް އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި އަޒަރުބައިޖާނާއި ދެމެދު ވައިގެ މަގުން ސީދާ ދަތުރުތައް ފެށިގެން ދިއުމަކީ ފަތުރުވެރިކަން ކުރިއެރުވުމަށާއި ދެޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގުގައި ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
މި ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމަށް ފައިދާހުރި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވާފައިވެއެވެ. އެގޮތުން މޫސުމީ ބަދަލުތަކާއި ސަގާފަތާއި ވިޔަފާރީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ދިވެހިރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 2006 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.