ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލާއި ހަމާސްއާ ދެމެދު އެއްބަސްވުމެއް ވެވޭ ހިސާބުގައި

ޖަވާދު | 59 ދުވަސް ކުރިން - 12:19
ޚުލާސާ

މި އެއްބަސްވުމާއި ގުޅޭ ގޮތުން އިސްރާއީލުގެ ބައެއް ސިޔާސީ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއަށް ކަނާތުފިޔައިގެ 10 މެންބަރަކު ވަނީ ސިޓީއެއް ފޮނުވައި، ހަނގުރާމަ ހުއްޓާލުމާއި ދެކޮޅު ހަދާފަ.

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށާއި ރަހީނުން ދޫކޮށްލުމަށް އިސްރާއީލާއި ހަމާސްއާ ދެމެދު އެއްބަސްވުމެއް ވެވޭ ހިސާބަށް އާދެވިއްޖެ ކަމަށް ބައިނަލްއަޤްވާމީ މީޑިއާ ތަކުން ރިޕޯޓްކޮށްފިއެވެ.

ބީބީސީން ވަނީ ހަމާސް އާއި އިސްރާއީލުގެ އޮފިޝަލުންތަކެއް އެކަން ކަށަވަރުކޮށްދެއްވާފައި ވާކަމަށް ބުނެފައެވެ. މި މަޢުލޫމާތު ލިބުނު ފަހުން، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ ހަމާސް އާއި އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ވެވޭ ހިސާބުގައި ވާކަމަށް ބުނެފައެވެ.

އިސްރާއީލުގެ އޮފިޝަލެއް ރޮއިޓަރސް ނިއުސް އޭޖެންސީއަށް މަޢުލޫމާތު ދިފައިވާ ކަމަށް ބުނެ އެ އެޖެންސީން ބުނި ގޮތުގައި ވަރަށް ގިނަ މަޝްވަރާތައް ވަނީ ކުރިއަށް ގޮސްފައެވެ.

މި މަޝްވަރާތަކުގައި ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލްޘާނީ މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވައެވެ. އެމެރިކާގެ ރައީސް ބައިޑަން ވެސް ވަނީ އިއްޔެ ޤަޠަރުގެ އަމީރާ ވާހަކަފުޅު ދައްކަވާފައެވެ.

ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލްޘާނީ.

ފަލަސްޠީނުގެ އޮފިޝަލުން އެއްބަސްވުމުގެ ބައެއް ތަފްސީލުތައް ހާމަކުރެއްވިއެވެ. އޭގެ ތެރޭގައި، އެއްބަސްވުމުގެ ފުރަތަމަ ދުވަހު ހަމާސްއިން 3 ރަހީނުން ދޫކޮށްލާނެ ކަމަށާއި، އޭގެ ފަހުން އިސްރާއީލުން ޣައްޒާގެ މީހުން ދިރިއުޅޭ ތަންތަނުގައި ތިބި ސިފައިން އަނބުރާ ގެންދާނެ ކަމަށް ބުނެފައިވެއެވެ. އަދި 7 ދުވަސް ފަހުން ހަމާސްއިން އިތުރު 4 ރަހީނުން ދޫކޮށްލާނެ ކަމަށާއި، އިސްރާއީލުން އުތުރަށް ގޮސްފައިވާ މީހުންނަށް އަނބުރާ ދިއުމުގެ ހުއްދަ ދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން އިސްރާއީލް ޖަލުތަކުގައި ތިބި 1,000 ފަލަސްޠީނު ޤައިދީން ދޫކޮށްލާނެ ކަމަށާއި، އޭގެ ތެރޭގައި 15 އަހަރަށްވުރެ ދިގު މުއްދަތަށް ޖަލަށް ލާފައިވާ 190 މީހުން ހިމެނޭ ކަމަށް ވެސް ބުނެފައިވެއެވެ.

ހަމާސް އޮފިޝަލުން ބުނީ އެމީހުންގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ 34 ރަހީނުން ދޫކޮށްލާނެ ކަމަށެވެ.

މި އެއްބަސްވުމާ ގުޅޭ ގޮތުން އިސްރާއީލުގެ ބައެއް ސިޔާސީ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއަށް ކަނާތުފިޔައިގެ 10 މެންބަރަކު ވަނީ ސިޓީއެއް ފޮނުވައި، ހަނގުރާމަ ހުއްޓާލުމާ ދެކޮޅު ހަދާފައެވެ.

ހަނގުރާމަ ހުއްޓައިލުމުގެ މަޝްވަރާތައް ކުރިއަށްދަނިކޮށް، ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނެފައިވަނީ އިއްޔެ ޣައްޒާ ސިޓީއަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި 50 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށެވެ. އިސްރާއީލުގެ ސިފައިންގެ ފަރާތުން މި ރިޕޯޓުތައް ބަލަމުންދާ ކަމަށް ބުނެފައިވާއިރު ޣައްޒާގެ އުތުރުގައި އިއްޔެ އިސްރާއީލު ސިފައިން 5 މީހުން މަރުވެފައިވާ ކަމަށް ވެސް އިސްރާއީލުގެ ސިފައިންގެ ފަރާތުން ބުނެފައިވެއެވެ.

މި ހަނގުރާމަ ފެށުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލުގެ ދެކުނަށް ދިން ހަމަލާއަކާއި ގުޅިގެންނެވެ. އެ ހަމަލާގައި 1,200 އަށްވުރެ ގިނަ މީހުން މަރުވެ، 251 މީހުން ރަހީނުންގެ ގޮތުގައި ޣައްޒާއަށް ގެންދެވުނެވެ. މިއަށް ރައްދު ދިނުމުގެ ގޮތުން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގައި، ޣައްޒާގެ ހަމާސް ހިންގާ ސިއްހީ މިނިސްޓްރީން ބުނާ ގޮތުގައި 46,500 އަށްވުރެ ގިނަ މީހުން ޝަހީދުވެފައި ވެއެވެ.

އިސްރާއީލުން ބުނާ ގޮތުގައި މިހާރު ވެސް 94 ރަހީނުން ޣައްޒާގައި ތިބި ކަމަށާއި، އޭގެ ތެރެއިން 34 މީހުން މަރުވެފައިވާ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން، ހަނގުރާމަ ފެށުމުގެ ކުރިން ޣައްޒާއަށް ގެންދެވުނު 4 އިސްރާއީލު މީހުންގެ ތެރެއިން 2 މީހުން މަރުވެފައިވާ ކަމަށް ވެސް އިސްރާއީލުން ބުނެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%