ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ ގއ. މާމެންދޫ ކައުންސިލް އިދާރާގައި، ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި، އެ ރަށަށަށް އެންމެ ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަލިއަޅުވާލައްވައި، ރަށުގެ ނަރުދަމާގެ މައްސަލައާއި ރަށުގެ ގިރާ ސަރަހައްދުގެ މައްސަލަތައް ތަފްޞީލީ ގޮތެއްގައި ޙިއްޞާކުރެއްވިއެވެ. އެރަށު ކައުންސިލުން ވަނީ ކައުންސިލް އިދާރާ ހިންގުމަށް އާ އިމާރާތެއް ބޭނުންވާކަމުގައި ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، މަގުހެދުމުގެ މަޝްރޫޢާއި ޒުވާނުންގެ މަރުކަޒު އިމާރާތްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި ރަށާއި ކައިރީގައި އޮތް ހުޅިމެންދޫ، މާމެންދޫގެ އިޚްތިޞާޞްތެރޭގައި ހިމަނައިދެއްވައި، އެ ރަށުން އާމްދަނީ ލިބޭނެ މަގު ފަހިކޮށްދެއްވުމަށް ވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ހަމައެހެންމެ، ރަށުގެ ޞިއްޙީ މަރުކަޒު 24 ގަޑިއިރަށް ޚިދުމަތް ދެވޭނެ ތަނަކަށް ހަދައިދެއްވުމަށް ވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މާމެންދޫގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ޙައްލުކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާއި ޙިއްޞާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ މާމެންދޫއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.