ގުޅިފަޅުގެ މަގުތައް ހެދުމާއި އާންމު ހިދުމަތްތަކަށް ބޭނުންވާ މުނިސިޕަލް އިމާރާތްތައް އެޅުމަށް ޗައިނާގެ ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.
އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ރައީސް އޮފީހުގައި މިއަދު ހެނދުނު ރަސްމިއްޔާތެއް ބޭއްވި އެވެ.
އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ސީއެމްއީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ރީޖަނަލް ޖެނެރަލް މެނޭޖަރު، ޝެން ހައު ޖިން އެވެ.
މުއްތަލިބު ވިދާޅުވީ މިއަދު ސޮއިކުރެވުނު އެެއްބަސްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ޗައިނާއަށް ވަޑައިގެން ސޮއިކުރެއްވި އެމްއޯޔޫތަކުގެ ދަށުން ވެވުނު އެއްބަސްވުމެއް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ގުޅިފަޅުގައި ކަރަންޓް ވިއުގާއެއް ގާއިމްކުރުމާއި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމާއި ޑިއު ވޯޓަރިން ސިސްޓަމް ގާއިމްކުރުމާއި މަގުތައް ޒަމާނީ ފެންވަރަށް ހެދުން އަދި ޖީޕޯން ޑަކްޓިން ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް ކުރާނެ އެވެ. އަދި ގޭސް ސްޓޯރޭޖާއި ޑިސްޓްރިބިއުޝަން ސިސްޓަމް ވެސް ގާއިމްކުރާނެ އެވެ.
ސީއެމްއީސީ އަކީ ރާއްޖޭގެ ކުރިން ވެސް ތަފާތު އެކި މަޝްރޫއުތައް ހިންގާފައިވާ ޗައިނާގެ ކުންފުންޏެކެވެ.