ކީރިތި ޤުރްއާނަކީ މާތްﷲ އިންސާނުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ބާވައިލެއްވި އިލާހީ ޤާނޫނެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ޚުޠުބާގައި ވަނީ ކީރިތި ޤުރްއާނުގެ މަތިވެރިކަމާއި، އެ ފޮތުގެ މުހިންމުކަމާއި، އަދި މުސްލިމުންގެ ދިރިއުޅުމުގައި ޤުރްއާނުގެ ދައުރާ ބެހޭގޮތުން އަލިއަޅުވާލާފައެވެ.
ޚުޠުބާގައި ބުނީ، ކީރިތި ޤުރްއާނަކީ މާތްﷲ އެކަލާނގެ ރަސޫލާ مُحَمَّدٌ ﷺ އަށް ބާވައިލެއްވި އެކަލާނގެ ކަލާމްފުޅެއް ކަމަށެވެ. އަދި އެއީ މުސްލިމުން ދިރިއުޅެންވީ ގޮތުގެ މަންހަޖު ކަމަށާއި މުސްލިމުން ކީރިތި ޤުރްއާން ކިޔަވައި، އެފޮތާ އެއްގޮތަށް އުޅުމާއި ސުލޫކު ބައްޓަންކުރަން ޖެހޭނެކަމަށް ޚުޠުބާގައި ބުންޏެވެ.
އަހުރެމެންގެ ދަރީންނަށް ކީރިތި ޤުރްއާން އުނގަންނައިދިނުމާއި އެކުދިންގެ ހިތްތަކުގައި ކީރިތި ޤުރްއާނުގެ ލޯބި އަށަގަންނުވައި، އެފޮތުގެ މަތިވެރިކަމާއި މާތްކަން ޚުޠުބާގައި ފާހަގަކުރިއެވެ.
ޚުޠުބާގައި ބުނީ، ކީރިތި ޤުރްއާނަކީ ބަލާޣާތްތެރިކަމާއި ފަޞާޙަތްތެރިކަމުގައި ވެސް މުޢުޖިޒާތެއް ކަމަށެވެ. އަދި ޖާހިލީ ޒަމާނުގައި ޢަރަބީންގެ ތެރޭގައި އުޅުނު އެންމެ ފަޞާޙަތްތެރީން ވެސް އެފަދަ ޤުރްއާނެއް ގެނައުމަށް ނުކުޅެދުނު ކަމަށް ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ، ކީރިތި ޤުރްއާނަކީ އަހުރެމެން މުސްލިމުންގެ ހިތާއި ފުރާނައާއި ޟަމީރުގެ ކާނާކަމަށާއި އަދި ޤުރްއާނަކީ ބަލިތަކަށް އޮތް ޝިފާއެއްކަމަށެވެ. ކީރިތި ޤުރްއާން ކިޔެވުމާއި ޤުރްއާނަށް ޢަމަލުކުރުމަކީ، އަހުރެމެންގެ މައްޗަށް ވާޖިބު ކަމަކަށްވީ ހިނދު، ޤުރްއާނުން މީހާ ޒީނަތްތެރިވުމަކީ ވެސް ވާޖިބު ކަމެއް ކަމަށް ޚުޠުބާގައި ބުންޏެވެ.
އެގޮތުން، ޤުރްއާނުން ޒީނަތްތެރިވުމުގެ މުހިންމު ހަތަރު ކަމެއް ޚުޠުބާގައި ފާހަގަކުރިއެވެ. އޭގެ ތެރޭގައި ތިމާގެ އެތެރެފުށާއި ބޭރުފުށުގެ ޠާހިރުކަމާއި، ﷲއަށް ބިރުވެތިވުމުގައި ތިމާގެ ނަފުސު ޒީނަތްތެރިކުރުމާއި، ޤުރްއާނުގައިވާ އެންމެހައި ކަމެއް ތެދުކުރުމާއި، އަދި މަޑުމައިތިރިވުމާއި ކެތްތެރިވުން ހިމެނެއެވެ.
މީގެ އިތުރުން މިއަދު މުސްލިމުންނަށް ވަނީ ކީރިތި ޤުރްއާން ކިޔަވައި ތިލާވަތު ކުރުމާއި، އެ ފޮތަށް ޢަމަލުކުރުން އުނދަގޫ ކަމަކަށް ވެފައިކަމަށް ޚުޠުބާގައި ބުންޏެވެ. އެކަމުގެ ސަބަބުން މުސްލިމުން ދީނާ ދުރުވެ، ޣައިރު މުސްލިމުންގެ ކުރިމަތީގައި މުސްލިމުން ނިކަމެތިވެފައިވާ ކަމަށް ޚުޠުބާގައި ބުންޏެވެ. މިފަދައިން ކަންނުކުރުމަށް އިރުޝާދު ދީ ޚުޠުބާގައި ގޮވާލީ ކީރިތި ޤުރްއާނާ އަލުން ގާތްވުމަށެވެ.
ކީރިތި ޤުރްއާނުގެ އަޚުލާޤުން ޒީނަތްތެރިވުމަކީ އެކަމުގެ ސަބަބުން ގިނަގުނަ ދަރުމައާއި ޘަވާބު ލިބޭނެ ކަމެއް ކަމަށާއި، އެއީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ ކަމެއް ކަމަށް ޚުޠުބާގައި ބުންޏެވެ.
ޚުޠުބާ ނިންމަމުން ވަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޚުލްޤުފުޅަކީ ކީރިތި ޤުރްއާން ކަމަށާއި އެއީ މުސްލިމުންގެ ދުސްތޫރު އަދި އަހުރެމެން ޢަމަލު ކުރަންޖެހޭ މަންހަޖު ކަމަށް ވެސް އިރުޝާދު ދީފައެވެ.