ކޮރަޕްޝަންތައް ހިންގުން ރައީސް މުޢިއްޒު ހުއްޓުވާނެ ކަމުގެ ޔަޤީންކަން އަބްދުއްރަހީމް ދެއްވައިފި

އަހްމަދު އީޒާން | 69 ދުވަސް ކުރިން - 11:02
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ސަލާންކުރައްވަނީ. / ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ސަލާންކުރައްވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ޙައްލު ނުވެ، މި ހިސާބަށް ދިޔައީ ކޮރަޕްޝަން ހިންގި މީހާއަށް ބަލައިގެން ފިޔަވަޅު އަޅާތީ ކަމަށް.

ސަރުކާރުގެ މުއައްސަސާތަކުގައި ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައްލަވަނީ އެކަން ކުރި މީހާއަށް ނޫން ކަމަށާއި އެ މީހަކު ކުރި ކަމެއް ހޯދައި ފިޔަވަޅު އެޅުމަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ޙައްލު ނުވެ، މި ހިސާބަށް ދިޔައީ ކޮރަޕްޝަން ހިންގި މީހާއަށް ބަލައިގެން ފިޔަވަޅު އަޅާތީ ކަމަށެވެ. އެކަމަކު، ރައީސް ޑރ، މުޢިއްޒު މިފަހަރު ތަފާތެއް އެބަ ދައްކަވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތަކުގައި ފިޔަވަޅު އަޅާއިރު، އެއީ ކުރީ ސަރުކާރުގެ އިސްބޭފުޅެއްތޯ ނުވަތަ އެއީ އެ ވަގުތަކު ވެރިކަމުގައި ހުންނެވި ބޭފުޅެއްގެ އަރިސް މީހެއްތޯ ބަލާކަށް ނުޖެހޭ ކަމަަށެވެ.

"އަޅުގަނޑުމެންނަށް ވަރަށް ގިނަ ފަހަރު ވާ ގޮތެއް މިއީ ކަން ކުރި މީހާއަށް ބަލައިގެން ކަންކަން ބަލަން އުޅުން. އެހެން އުޅެން ހަދައިގެން އަޅުގަނޑު މި ދެންނެވި ގޮތަށް އެ ފައިސާތައް ނުހޯދި މިހާ ގިނަ ދުވަސްވީ." އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ކޮރަޕްޝަން ހިންގީ ނުވަތަ ޤާނޫނާއި އުސޫލުގެ ބޭރުން ކަންކަން ކުރީ ކާކުކަން އެނގުނަސް ކުށްވެރިވާ މީހަކު ކަނޑައަޅާނީ އިޖުރާއަތުތަކުގެ ތެރެއިން ކަމަށާއި އެ މީހަކަށް ދައުވާ ކުރުމާއި ނުކުރުމުގެ ޒިންމާ އޮތީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އަތްމަތީގައި ކަމަށެވެ.

"ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ އެކަން ކުރީ ކާކުތޯ ބެލުމެއް ނޫން. އެ ކުރީ ކޮން ކަމެއްތޯ؟ އެކަން ކުރީ ހަމައިންތޯ ނަހަމައިންތޯ ޤާނޫނާ އެއްގޮތަށްތޯ ޤާނޫނާ ޚިލާފަށްތޯ މާލިއްޔަތު ޤާނޫނުން އެކަން ކުރަން ތަންދޭތޯ އޭގައި ދައުލަތަށް ގެއްލުން ވަނީ ކިހާވަރެއްތޯ އެ ގެއްލުންވީ ކާކުގެ ސަބަބުންތޯ؟ އެ ހިސާބުން ކާކު މި ތަނަށް މި އަންނަނީ."

އަބްދުއްރަހީމް ވިދާޅުވީ، ޤާނޫނުއަސަސީގެ 115 ވަނަ މާއްދާގެ ދަށުން އެކި މަޤާމުތަކަށް މީހުން އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ކަމަށާއި އޭގެ ބޭރުން އެ މީހުން ކަންކަން ކުރާ ނަމަ އެ ކަމެއް ބަލާނެ ކަމުގެ ޔަޤީންކަން މި ސަރުކާރުން ދީފައިވާ ކަމަށެވެ. މީހަކު ކުރި ކުށަކާ ގުޅިގެން އެ މައްސަލަ ތަޙުޤީޤީ އިދާރާތަކުން ބަލަން ފެށުމުން މި ސަރުކާރުން ނުކުމެ އެކަމެއް ނުހުއްޓުވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%