އެކި އިވެންޓުތައް ބޭއްވުމަށް ދަރުބާރުގެ ކުއްޔަށް ދިނުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ތިން މިނިސްޓްރީއެއްގެ ހިންގުން ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކުރަން ޖެހުމުގެ ސަބަބުން ދަރުބާރުގޭގެ ހޯލްތައް ވަގުތީގޮތުން ކުއްޔަށް ދިނުން ހުއްޓާލާފައިވާ ކަމަށެވެ.
ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ ދަރުބާރުގެއަށް ވަގުތީ ގޮތުން ބަދަލުކުރީ ކުރިން އެ މިނިސްޓްރީތައް ހިންގަމުން އައި އިމާރާތުގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުމުންނެވެ.
އޭގެ ފަހުން ސަރުކާރުން ވަނީ އެތަނުން ދެ މިނިސްޓްރީއެއް އެއްކޮށްލައިފަ އެވެ. އެއީ ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އެވެ.
މިނިސްޓްރީތައް ހިންގުމަށް ދަރުބާރުގޭގެ ހުރިހާ ހޯލެއް މިހާރު އަންނަނީ ބޭނުންކުރަމުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، މިނިސްޓްރީތައް ހިންގަން ސަރުކާރުގެ ދާއިމީ އިމާރާތެއް ލިބެންދެން އެ އޮފީސްތައް ހިންގާނީ ދަރުބާރުގޭގަ އެވެ. އެ މިނިސްޓްރީތައް ހިންގަން އަމިއްލަ މީހެއްގެ ތަނެއް ކުއްޔަށް ނުހިފާނެ އެވެ.
ދަރުބާރުގެއަކީ މާލޭގައި ބޮޑެތި ފެއާތަކާއި އިވެންޓުތަކާއި ސަރުކާރުގެ މުހިންމު ރަސްމިއްޔާތުތަކާއި އެ ނޫން ވެސް އެކިއެކި އިވެންޓުތައް ބޭއްވުމަށް ބޭނުންކުރާ އެންމެ ބޮޑު އިވެންޓު ހޯލު ހުރި އިމާރާތެވެ.