އަޒަރްބައިޖާނުގެ މަތިންދާބޯޓު ވެއްޓުނު ޙާދިސާގެ ޒިންމާ ރަޝިޔާއިން ނަގަން ޖެހޭކަމަށް އަޒަރްބައިޖާނުން ބުނެފި

އާނާ ފަހީމް | 74 ދުވަސް ކުރިން - 20:15
އަޒަރްބައިޖާނުގެ ރައީސް އިލްހާމް އަލިޔެފް. / ފޮޓޯ: ޕީބީއެސް ނިއުސް
އަޒަރްބައިޖާނުގެ ރައީސް އިލްހާމް އަލިޔެފް. / ފޮޓޯ: ޕީބީއެސް ނިއުސް
ޚުލާސާ

އަލިޔެފް ވިދާޅުވީ މަތިންދާބޯޓު ވެއްޓުނީ ރަޝިޔާއިން ދިން ޙަމަލާއަކާ ގުޅިގެން ކަމަށް. އޭނާ ވިދާޅުވި ގޮތުގައި މަތިންދާބޯޓަށް ޙަމަލާ ދީފައިވަނީ ރަޝިޔާގެ ވައިގެ ސަރަޙައްދުން ދަތުރުކުރަމުންދަނިކޮށް.

އަޒަރްބައިޖާން އެއަރލައިންސްގެ މަތިންދާބޯޓެއް ވެއްޓި 38 މީހުން މަރުވި ޙާދިސާގެ ޒިންމާ ރަޝިޔާއިން އުފުލުމަށް އަޒަރްބައިޖާނުގެ ރައީސް އިލްހާމް އަލިޔެފް ގޮވާލައްވައިފިއެވެ.

މި ޙާދިސާ ހިނގީ ޑިސެންބަރު 25 ވަނަ ދުވަހު ރަޝިޔާގެ ވައިގެ ސަރަޙައްދުގައެވެ.

އަޒަރްބައިޖާން އެއަރލައިންސްގެ ފްލައިޓް 8432 ވެއްޓުނީ ކަޒަޚްސްތާނުގެ އަކްތައު ރަށަށެވެ. މި ޙާދިސާ ހިނގާފައިވަނީ ޗިޗްނިޔާގެ ވެރިރަށް ގްރޯޒްނީއަށް ދަތުރުކުރަމުންދަނިކޮށެވެ.

އަލިޔެފް ވިދާޅުވީ މަތިންދާބޯޓު ވެއްޓުނީ ރަޝިޔާއިން ދިން ޙަމަލާއަކާ ގުޅިގެން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މަތިންދާބޯޓަށް ޙަމަލާ ދީފައިވަނީ ރަޝިޔާގެ ވައިގެ ސަރަޙައްދުން ދަތުރުކުރަމުންދަނިކޮށެވެ.

"އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ދެންނެވޭނެ މަތިންދާބޯޓު ވެއްޓިފައި ވަނީ ރަޝިޔާއިން ދިން ޙަމަލާއަކާ ގުޅިގެން ކަން. އެއީ ގަސްދުގައި ދީފައިވާ ޙަމަލާއެކޭ ނުދަންނަވަން. ނަމަވެސް، އެ ކަން އެ އޮތީ ހިނގާފައި." އަލިޔެފް ވިދާޅުވިއެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވަނީ އަލިޔެފަށް ފޯނުން ގުޅުއްވައި މަޢާފަށް އެދިވަޑައިގެންފައެވެ. ޕުޓިން ވިދާޅުވި ގޮތުގައި މި ޙާދިސާ ހިނގާފައިވަނީ ޔޫކްރެއިނުން ފޮނުވާފައިވާ އަސްކަރީ ޑްރޯންތަކެއް ދިފާޢުކުރުމަށް ރަޝިޔާގެ އަސްކަރިއްޔާއިން މަސައްކަތްކުރަމުންދިޔަ ދަނޑިވަޅެއްގައެވެ. ނަމަވެސް، ކްރެމްލިނުން ނެރުނު ބަޔާނުގައި މަތިންދާބޯޓު ވެއްޓުނީ ރަޝިޔާގެ ޙަމަލާއަކުން ކަމަށް އެއްބަސްވެފައެއް ނުވެއެވެ.

އަލިޔެފް ވިދާޅުވީ ރަޝިޔާއިން އާންމުކޮށް މަޢާފަށް އެދި، ޙާދިސާގެ ޒިންމާ ނަގައި، ޒިންމާވާ ފަރާތްތަކަށް އަދަބުދީ، އަދި ގެއްލުމުގެ ބަދަލު ދޭންޖެހޭނެ ކަމަށެވެ.

"ފުރަތަމަ ކަމަކީ، ރަޝިޔާއިން އަޒަރްބައިޖާނުގެ ކިބައިން މަޢާފަށް އެދެން ޖެހޭނެ. ދެވަނަ ކަމަކަށް، އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ. ތިންވަނަ ކަމަކީ، އެ ކަމުގައި ޒިންމާވާ މީހުން ހޯދައި އެ މީހުންނަށް ޙައްޤު އަދަބު ދިނުން، އަދި އަޒަރްބައިޖާނާއި މަރުވި މީހުންގެ ޢާއިލާތަކާއި ޒަޚަމުވި މީހުންނަށް ބަދަލު ދިނުން. އަޅުގަނޑުމެންގެ ޝަރުތުތަކަކީ އެއީ." އަލިޔެފް ވިދާޅުވިއެވެ.

މީގެ ކުރިން ވެސް މިފަދަ ޙާދިސާތައް ހިނގާފައިވެއެވެ. 2014 ވަނަ އަހަރު މެލޭޝިއާ އެއަރލައިންސްގެ އެމްއެޗް-17 އަދި 2020 ވަނަ އަހަރު ޔޫކްރެއިނުގެ މަތިންދާބޯޓެއް ވެސް ވަނީ މިފަދަ ޙާދިސާތަކުގައި ވެއްޓިފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%