ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 450,936 ގަސް އިންދާފައިވާކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ބުނެފިއެވެ.
މި މަޝްރޫޢު އިފްތިތާޙު ކޮށްފައިވަނީ މިއަހަރުގެ ތިމާވެށީގެ ދުވަހުއެވެ.
މި ޕްރޮގްރާމަކީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކޮށް، ރާއްޖޭގެ ތިމާވެށީގައި ނެތިދިޔުމުގެ ބިރު ހީވެފައިވާ ގަސްގަހާގެހި އާލާކޮށް، ރާއްޖެ ހޫނުވުން ކުޑަކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވި ޤައުމީ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން އެކި ރަށްރަށުގެ ކައުންސިލްތަކާއި ރިސޯޓުތަކާއި ސްކޫލްތަކާއި އަމިއްލަ ޖަމްޢިއްޔާތަކާއި ކުންފުނިތަކުން ހަރަކާތްތައް ހިންގާފައިވެއެވެ.
ތިމާވެއްޓާބެހޭ ވުޒާރާއިން ބުނީ، މިހާތަނަށް 4.2 މިލިއަން ގަސް އިންދަން އެކި ފަރާތްތަކުން ޕްލެޖްކޮށްފައިވާ ކަމަށެވެ. އަދި އިންދާ ގަސްތައް ބެލެހެއްޓުމަށް ވަކި ޔުނިޓެއް ޤާއިމްކުރުމަށްވެސް ނިންމާފައިވާކަމަށް އެ ވުޒާރާއިން ބުންޏެވެ.
ތިމާވެއްޓާބެހޭ ވަޒީރު ތޯރިޤް އިބްރާހިމް ވިދާޅުވެފައިވަނީ، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ގަސްތައް ހެދެނީ ކިހިނެއްތޯ ބެލުމަށާއި، ގަހަށް ޖެހޭ ބަލިތަކާއި ދިމާވާ މައްސަލަތައް ދެނެގަތުމަށް މީހުން އަހުލުވެރިކުރުވަން ޖެހޭ ކަމަށެވެ. އަދި މި މަސައްކަތް ކުރެވޭނީ ޤުދުރަތީ ވަސީލަތްތައްވެސް ބޭނުންކޮށްގެން ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
މި ޕްރޮގްރާމަކީ ޔޫއޭއީގެ ދުބާއީގައި ބޭއްވި ކޮޕް28 ބައްދަލުވުމުގައި ރައީސް މުޢިއްޒު އިޢުލާންކުރެއްވި ޕްރޮގްރާމެކެވެ.