ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ޗެއަރޕަރސަންގެ މަޤާމުގައި ހުންނެވި އަހުމަދު ޝަރީފް އެ މަޤާމުން ވަކިކޮށް، އަލަށް އުފެއްދި މަސްވެރިކަމުގެ މާކެޓިން ކުންފުނީގެ ޗެއަރޕަރސަންގެ މަޤާމަށް ބަދަލުކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގދ. ތިނަދޫ / ސޯމާ އަހުމަދު ޝަރީފް މިފްކޯގެ ޗެއަރޕަރސަންގެ މަޤާމުން ވަކިކުރުމަށްފަހު، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްފޯމްޕީސީ) ގެ ޑިރެކްޓަރުންގެ ބޯޑަށާއި ޗެއަރޕަރސަންގެ މަޤާމަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެމްފޯމްޕީސީއަކީ މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމުގެ ގޮތުން ދިވެހިރާއްޖޭގައި ބާނާ މަހަށް އިތުރު ބާޒާރުތައް ހޯދައި، މާކެޓްކޮށް، ޕްރޮމޯޓްކުރުމަށް އުފެއްދި ޚާއްޞަ ކުންފުންޏެކެވެ. މި ކުންފުންޏަކީ ރައީސުލްޖުމްހޫރިއްޔާއަށް ކުންފުނީގެ ޤާނޫނުގެ ދަށުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި، ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އެކުލެވޭ ކުންފުންޏެކެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތު އިތުރަށް ފުޅާކޮށް، މުޖުތަމަޢަށް އެ ސިނާޢަތުން ލިބޭ މަންފާ އިތުރުކުރުމެވެ. މީގެ ތެރޭގައި އެކުއަރކަލްޗަރ އާއި މެރިކަލްޗަރ ފަދަ ކަނޑުފަޅުގެ އެންމެހާ ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުން ހިމެނެއެވެ.
މީގެ އިތުރުން، ރާއްޖޭގެ މަސްވެރިކަމަށް ޚާއްޞަ ބްރޭންޑެއް ތަޢާރަފުކޮށް، ޤައުމީ އަދި ބައިނަލްއަޤްވާމީ ބާޒާރަށް ނެރުމާއި، ފެންވަރު ރަނގަޅު އަދި މަތީ އަގު ލިބޭ ތަފާތު ބާޒާރުތަކުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ހިއްސާ ހޯދުމަކީވެސް ކުންފުނީގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.