އިހަވަންދިއްޕޮޅުގައި އެމްޕީއެލްއިން އަލަށް ޤާއިމްކޮށްފައިވާ "އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓު ސެކިއުރިޓީ ގޭޓު" އިން ފުރަތަމަ ފަހަރަށް ރާއްޖެއިން ބޭރުގެ ޔޮޓަކަށް ކުލިއަރެންސް ޚިދުމަތް ދީފިއެވެ.
މި މަޢުލޫމާތު ހާމަކުރެއްވީ އެމްޕީއެލްގެ ސީއީއޯ މުޙައްމަދު އިބްރާހިމް ވަޖީހް ސޯޝަލް މީޑިއާ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ޔޮޓަކީ ފަތުރުވެރިން ގޮވައިގެން ރާއްޖެ އައި އުޅަނދެއް ކަމަށް ވެއެވެ. މި ދުވަސްވަރަކީ ރާއްޖެއަށް ފަތުރުވެރިން ގޮވައިގެން ގިނަ ޢަދަދަކަށް ޔޮޓުފަހަރު ދަތުރުކުރާނެ މޫސުމެއް ކަމަށް ބެލެވޭތީ، އެމްޕީއެލްއިން ވަނީ ޔޮޓުފަހަރަށް ބޭނުންވާ ފުރިހަމަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ތައްޔާރުވެފައެވެ.
އިހަވަންދިއްޕޮޅުގައި މި އައު ފެސިލިޓީ ޤާއިމްކުރެވުމާއެކު، ރާއްޖެއަށް އަންނަ ބޭރުގެ އުޅަނދުފަހަރަށް ފަސޭހަކަމާއެކު އަވަސް ޚިދުމަތެއް ލިބިގެންދާނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ.