އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގް (92 އަހަރު) އިއްޔެ ރޭ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
އިންޑިޔާގެ ތާރީޚުގައި އުފެދުނު އެންމެ މަޤުބޫލު އަދި ވަރުގަދަ ސިޔާސީ ވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަންމޯހަން ސިންގް އަވަހާރަވީ ހާލުކޮޅު ދެރަވެ ކުއްލި ގޮތަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނިކޮށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަންމޯހަން ސިންގް އަވަހާރަވުމުގެ ފުން ހިތާމައިގައި، ދިވެހިރައްޔިތުންނާއި އެ މަނިކުފާނު ބައިވެރިވާ ކަމަށެވެ.
"މި ހިތާމަވެރި ދަނޑިވަޅުގައި (މަންމޯހަން ސިންގްގެ) އާއިލާއަށާއި، އިންޑިއާގެ ރައްޔިތުންނަށް ތައުޒިޔާ ދަންނަވަން،" ރައީސް ޑރ. މުޢިއްޒު ވިދާޅުވި އެވެ.
ބޮޑުވަޒީރުގެ މަޤާމުގައި މަންމޯހަން ސިންގް 2011 ގައި ރާއްޖެއަށް ކުރެއްވި ދަތުރު ފާހަގަ ކުރައްވައި، ރައީސް މުޢިއްޒު ވިދާޅުވީ އެއީ ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރި ތާރީޚީ ދަތުރުފުޅެއް ކަމަށެވެ. މީގެ އިތުރުން، ދެކުނު އޭޝިއާގެ ތަރައްގީ އާއި ގައުމުތަކުގެ އެއްބާރުލުން ބަދަހިވުމަށް މަންމޯހަން ސިންގްގެ ލީޑަޝިޕާއި ސިޔާސަތު މުހިއްމު ދައުރެއް އަދާކުރި ކަމަށް ވެސް ރައީސް މުއިއްޒު ފާހަގަ ކުރެއްވި އެވެ.
އިގްތިސާދީ މާހިރަކަށް ބަދަލުވި ސިޔާސީ ބޭފުޅަކަށް ވެފައިވާ ސިންގް ބޮޑުވަޒީރުކަން ކުރެއްވީ 2004 އިން 2014 އަށެވެ. އެމަނިކުފާނު ވެގެން ދިޔައީ އިންޑިއާގެ އެންމެ މަތީ މަގާމު ފުރުއްވި ފުރަތަމަ ސިކުން މީހާއަށެވެ. އެމަނިކުފާނުގެ ދައުރުގައި އިޤްތިޞާދީ ގޮތުން ބޮޑެތި އިސްލާޙްތަކެއް ގެނެސް އިންޑިއާގެ އިޤްތިޞާދު ޒަމާނީ ކުރުމަށް ކުރި މަސައްކަތްތަކެއް ފާހަގަކޮށްލެވެއެވެ.
ސިޔާސީ ކެރިއަރުގެ ކުރިން ސިންގް ވަނީ އިންޑިއާގެ ރިޒާވް ބޭންކުގެ ގަވަރުނަރުގެ މަޤާމާއި 1990 ގެ އަހަރުތަކުގެ ކުރީކޮޅު އިޤްތިޞާދީ ލިބަރަލައިޒޭޝަން ސިޔާސަތުތައް ތަންފީޒުކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ފިނޭންސް މިނިސްޓަރުގެ މަޤާމް އަދާކުރައްވާފައެވެ.
ފާއިތުވި އަހަރުތަކުގައި ސިންގްގެ ޞިއްޙީ ހާލަތު ދިޔައީ ދަށްވަމުންނެވެ. އެކި ބަލިތަކުގައި އެތައް ފަހަރަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު، 2021 ވަނަ އަހަރު ކޯވިޑް-19 ޖެހިގެން ވެސް ސިއްހީ ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.
ސިންގްގެ ޙާލަތު މާބޮޑަށް ދެރަވެގެން ކުއްލި ގޮތަކަށް ފަރުވާދޭން ފެށީ ގެކޮޅުގައި ހުންނަވަނިކޮށް ކުއްލިއަކަށް ހޭފުޅު ނެތިގެން ރޭގެ ވަގުތެއްގައެވެ.