ދިރިއުޅުމުގައި ދިމާވާ ދަތިތަކާމެދު މާޔޫސް ނުވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
މިއަދުގެ ޚުޠުބާގައި ވަނީ މުސްލިމުންނަށް ދިމާވާ ދަތިތަކާއި ހިތްދަތިކަންތަކުން އަރައިގަތުމަށް އެޅިދާނެ ފިޔަވަޅުތަކާއި، އިސްލާމްދީނުގައި މިކަމާ ގުޅޭގޮތުން އައިސްފައިވާ އިރުޝާދުތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ.
ޚުޠުބާގައި ބުނީ، ދިރިއުޅުމުގެ ޙަޔާތަކީ ހިތްދަތިކަންކަމާއި ހިތާމަތަކާއި ދަތި އުނދަގޫ ކަންކަން ހިމެނިގެންވާ ޙަޔާތެއްކަމަށެވެ. ނަމަވެސް ދަތި އުނދަގުލަށް ފަހު، ފަސޭހަކަން އަންނާނެކަން ކަށަވަރުކަމަށާއި މުއުމިން އިންސާނާއަށް ހުރިހައި ކަމެއްގައި ވެސް ވަނީ ހެޔޮކަންކަން ކަމުގައި ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ، އުފާވެރިކަމެއް މެދުވެރިވެއްޖެ ނަމަ، ޝުކުރުވެރިވުމަށެވެ. އަދި ހިތްދަތިކަމެއް މެދުވެރިވެއްޖެ ނަމަ ކެތްތެރިކަން އިސްކުރުމަށެވެ. މިއީ އިސްލާމްދީނުގައި މުއުމިނުންގެ ސިފައެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ކަމެއްކަން ޚުޠުބާގައި ފާހަގަކުރިއެވެ.
ޚުޠުބާގައި ބުނީ ހިތްދަތިކަންކަމުން އަރައިގަތުމަށް މަސައްކަތްކުރާންވާނީ ޢަޒުމާއި ހިތްވަރާއެކުގައި ކަމަށެވެ. އެގޮތުން. އިންސާނާގެ ނަފްސު މާޔޫސްކަމުން ސަލާމަތްވުމަށްޓަކައި އަޤީދާގައި ސާބިތުވުމަކީ މުހިންމުކަމެއް ކަމަށާއި، ވަސްވާސްތަކުގެ ޝިކާރައަކަށް ނުވެ، ވަރުގަދަ ޢަޒުމަކާއެކު ސަލާމަތުގެ އައްސޭރިއަށް ވާޞިލްވެވިދާނެކަން ޚުޠުބާގައި ފާހަގަކުރިއެވެ.
މީގެ އިތުރުން، މާތްﷲ ގެ ރަޙްމަތާ މެދު މާޔޫސްވުމަކީ މަގުފުރެދުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެއްކަމުގައި ޚުޠުބާގައި ފާހަގަކުރިއެވެ. އަދި މުއުމިނުންނަކީ އެންމެ ބޮޑެތި މުޞީބާތުގެ ވަގުތުތަކުގައި ވެސް، މާތް ﷲ ގެ ރަޙްމަތާއި ލުޔަށް އުއްމީދުކުރާ، އެ މީހުންގެ ހިތްތައް ޔަޤީންކަމުން ފުރިފައިވާ ބައެއްކަމަށް ޚުޠުބާގައި ބުންޏެވެ.
ބޮޑެތި މުޞީބާތްތަކާއި ދަތިއުނދަގޫތަކާ ކުރިމަތިވާ ހިނދު، އަންނަނިވި ދުޢާ ކިޔުމަށް مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އިރުޝާދުދެއްވާފައިވެއެވެ. (لَا إِلَـٰهَ إِلَّا اللهُ الْعَظِيْمُ الْـحَلِيْمُ، لَا إِلَـٰهَ إِلَّا اللهُ رَبُّ الْعَرْشِ الْعَظِيْمِ، لَا إِلَـٰهَ إِلَّا اللهُ رَبُّ السَّمَـٰوَاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيـْمِ)[1] މާނައީ:"މަތިވެރި އަދި ޙަލީމުވަންތަ މާތް ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އެހެން އިލާހަކު ނުވެއެވެ. މަތިވެރި ޢަރުޝީގެ ވެރި މާތް ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އެހެން އިލާހަކު ނުވެއެވެ. އުޑުތަކާއި ބިމާއި މާތްވެގެންވާ ޢަރުޝީގެ ވެރި މާތް ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އެހެން އިލާހަކު ނުވެއެވެ."
ޚުޠުބާގައި ބުނީ ހިތްތަކަށް ހަމަޖެހުން ލިބޭ ސަބަބުތަކުގެ ތެރޭގައި ކީރިތި ޤުރްއާނާ މެދު ވިސްނައި ފިކުރުކޮށް އެ ފޮތް ކިޔެވުމާއި، ޒިކުރުކުރުމާއި، ހެޔޮލަފާ މީހުންނާ އެކު އުޅުން ހިމެނޭ ކަމަށެވެ، މީގެ އިތުރުން، ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމެއްގައި ވެސް މާތް ﷲއާ ވަކީލުކުރުމަކީ ހިތްހަމަޖެހުން ލިބޭނެ ކަމެއްކަމަށް ވެސް ޚުޠުބާގައި އިރުޝާދު ބުންޏެވެ.
ޚުޠުބާ ނިންމަމުން ވަނީ މުސްލިމުންނަށް ދިމާވާ ދަތިތަކާއި ހިތްދަތިކަންތަކުން އަރައިގަތުމަށް ދުޢާކޮށް، އަދި މާތް ﷲ އަށް ތަޤްވާވެރިވުމަށާއި، އެކަލާނގެ ޒިކުރުގައި ދެމިތިބުމަށް އެންމެހާ މުސްލިމް އަޚުންނާއި އުޚްތުނަށް އިރުޝާދު ދީފައެވެ.