ރާއްޖޭގެ ފުރަތަމަ "ކާރިސީ ހިރާސް ކުޑަކުރުމުގެ އިސްތިރާޖު" މި ވެރިކަމުގެ ޅަފަތުގައި އެކުލަވާލެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު މިއަދު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވީ، ސުނާމީ ކާރިސާއަށް 20 އަހަރު ފުރުމާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އިންތިޒާމުކޮށްގެން ބޭއްވި "ވިލުންތެރި 20" މަޢުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ނޭޝަނަލް އާޓް ގެލެރީގައެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ސުނާމީ ކާރިސާއިން ލިބުނު ގެއްލުންތަކުން އަރައިގަތުމުގައި ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ނަމޫނާ ފާހަގަކުރައްވައި، ސަލާމަތީ ބާރުތަކާއި، ދަރުމަވެރިންނާއި، އާންމު ރައްޔިތުން ވެދެއްވި ޤުރުބާނީގެ އަގުވަޒަންކުރެއްވިއެވެ. އަދި މި ކާރިސާއާ ގުޅިގެން އުފެދުނު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލެއްވިއެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ އަންގާރަ ދުވަހު ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން ފާސްކުރެއްވި "މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ 2024-2030" ގެ ފޮތް އިފްތިތާޙުކޮށްދެއްވާފައެވެ.
މީގެ އިތުރުން، އެއްބައިވަންތަކަމުގެ ދުވަހުގެ ޚާއްޞަ ލަވައެއް ބައްލަވާލައްވައި، މަޢުރަޒުގެ "ފަނޑުވުމެއް ނެތް ހަނދާންތައް" ސެގްމެންޓްގައި ސުނާމީއާ ގުޅޭ ޚާއްޞަ މެސެޖެއް ލިޔުއްވިއެވެ.
ދިވެހިރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ކާރިސާ ކަމުގައިވާ ސުނާމީ ހިނގާފައިވަނީ މީގެ 20 އަހަރު ކުރިން، 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 09:23 ގައެވެ.