ދިވެހިންނަކީ ޤައުމަށް ދިމާވާ ކޮންމެ މުހިންމު ޙާލަތެއްގައިވެސް އަބަދުވެސް ބަދަހިކަން ދައްކާ ބައެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ދިވެހިންނަކީ ޤައުމަށް ދިމާވާ ކޮންމެ މުހިންމު ޙާލަތެއްގައި އެއް ޢާއިލާއެއްގެ ބަދަހިކަން ދައްކާ، އުޚްވަތްތެރި، އެކުވެރި، އޯގާތެރި، ހެޔޮލަފާ ރައްޔިތުންތަކެއްކަމަށެވެ. އެގޮތުން، 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިޘާއިން އަރައިގަތުމަށް ދިވެހިން ދެއްކި އެއްބައިވަންތަކަން ރައީސް ފާހަގަކުރެއްވިއެވެ.
ސުނާމީ ކާރިޘާއަކީ 82 މީހުންގެ ފުރާނަ ގެއްލި، 26 މީހުން ގެއްލުނު ހިތާމަވެރި ޙާދިސާއެކެވެ. މި ކާރިޘާއިން އަރައިގަތުމަށް ދައުލަތާއި ރައްޔިތުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރިއެވެ. މި މަސައްކަތުގައި ދިވެހިން ދެއްކި އެއްބައިވަންތަކަމަކީ މިއަދުވެސް ފާހަގަކުރެވޭ ކަމެކެވެ.
ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ ޤައުމަށް ދިމާވާ ދަތިތަކުން އަރައިގަނެ، ޤައުމީ ތަރައްޤީގެ މަސައްކަތް ހަލުވިކުރުމަށްޓަކައި އެއްބައިވަންތަކަން އިސްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ރާއްޖޭގައި ކޮންމެ އަހަރަކުވެސް ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ ސުނާމީ ކާރިޘާއިން ލިބުނު ގެއްލުމުން އަރައިގަތުމަށްޓަކައި އެއްބައެއްގެ ގޮތުގައި ދިވެހިންކުރި މަސައްކަތާއި، ދައްކުވައިދިން އަޚްވަންތަކަން ފާހަގަކުރުމަށެވެ. އަދި އެ ކާރިޘާގައި ދުނިޔެ ދޫކުރި މީހުންގެ ހަނދާންވެސް އާކުރުމަށެވެ.