ބިންވެރިޔާ ސްކީމާ ގުޅުން ހުރި މައްސަލައެއްގައި ފުލުހުން ކުރަމުންދާ ތަޙުޤީޤާ ގުޅިގެން ސަސްޕެންޑް ކޮށްފައިވާ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދުގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފިއެވެ.
ފުލުހުން މިއަދު މަޢުލޫމާތު ދިންގޮތުގައި، ބިންވެރިޔާ ހައުސިންގ ސްކީމާ ގުޅުންހުރި މައްސަލައެއްގައި ކުރަމުންދާ ތަޙުޤީޤާ ގުޅިގެން ފަޒީލްގެ ފޯނު ހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުންނެވެ.
މި މައްސަލައިގައި ފަޒީލް ހިމެނޭ ކަމަށް ބުނާ ލިޔެކިޔުންތަކެއް ވަނީ އާންމުވެފައެވެ. އޭގެ ތެރޭގައި، ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ލިސްޓުގައި ފަޒީލްގެ ނަން ހިމެނިފައިވާއިރު، އޭނާއަށް ގޯއްޗެއްގެ ރަޖިސްޓްރީ ހަދައިދީފައިވާކަން ފާހަގަކުރެވެއެވެ.
ފުލުހުން ކުރިން ބުނީ މި ތަޙުޤީޤުގައި ބަލަމުންދަނީ ޑޮކިއުމެންޓް ފޯޖްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ފަޒީލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފައެވެ.
މި މައްސަލަ ފެންމަތިވުމާ ގުޅިގެން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
އެޗްޑީސީން ބުނެފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ބިން ލިބޭ އެއްވެސް މީހަކު އިސްތިސްނާވާ ގޮތަކަށް އެޗްޑީސީން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.
މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާއިރު، އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް ފުލުހުން ބުންޏެވެ.