ދީބާޖާގެ ނަމުގައި ކުރި ވައްކަމާއި ވާނެ ގޮތް

ޢަބްދުﷲ ޖުނައިދު | 72 ދުވަސް ކުރިން - 08:34
އެމްޑީޕީ ވެރިކަމުގައި މާލިއްޔަތު ކޮމިޓީގެ މެމްބަރުން ބައްދަލުވުމެއްގައި: ދީބާޖާ އަށް އެމްޑީޕީ ވެރިކަމުގައި ބަދަލު ދޭން ސަރުކާރުން ނިންމީ ގޯސް ނިންމުމެއް.
އެމްޑީޕީ ވެރިކަމުގައި މާލިއްޔަތު ކޮމިޓީގެ މެމްބަރުން ބައްދަލުވުމެއްގައި: ދީބާޖާ އަށް އެމްޑީޕީ ވެރިކަމުގައި ބަދަލު ދޭން ސަރުކާރުން ނިންމީ ގޯސް ނިންމުމެއް.
ޚުލާސާ

ވައްކަން ކުރުމަށް އެމްޑީޕީ ސަރުކާރުން ޤަވާޢިދާއި ޚިލާފަށް ހަދާފައިވާ ބަދަލު ދިނުމުގެ އެއްބަސްވުންތައް މިސަރުކާރުން ބާޠިލްކޮށް، ސެޓްލްމަންޓް ކޮމިޓީ އުވާލައި، ދީބާޖާ މައްސަލައިގައި ދައުލަތުގެ ޚަޒާނާއިން ކުރި ވައްކަންތަކުގެ ރިކަވަރީ މަސައްކަތްތައް ފަށައިފި.

ބަންޑާރަ ނައިބު ރިފްއަތު: ދީބާޖާގެ މައްސަލަ ކޯޓުން ބޭރުން ހައްލު ކުރިއިރު، އެ ކަން ދެފުށް ފެންނަ ގޮތަށް ކުރިއަށް ނުގެންދެވި ކަމުގެ ތުހުމަތު އޭނާގެ ބޮލުގައި ވަނީ އެޅިފައި. ދީބާޖާއަށް ޚަޒާނާއިން ފައިސާ ދޭން ނިންމި ބަދަލު ދިނުމުގެ ނިންމުމަކީ އުފެދުމުގައި ވެސް ބާޠިލް ނިންމުމެއް.

ދީބާޖާ އިންވެސްޓްމަންޓް މައްސަލަ ފެންމަތިވެފައި ވަނީ ގެއްލުމުގެ ބަދަލެއްގެ ނަމުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާ ރައްކާކޮށްފައިވާ ޚަޒާނާ ލޫޓުވާލުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ހިންގި ގުނާ ޢަދަދުނުކުރެވޭ ވައްކަންތަކުގެ ތެރެއިން އެއް ހާދިސާގެ ގޮތުގަ އެވެ. މިހާރުގެ ސަރުކާރުން ވަނީ ވައްކަމާއި ކޮރަޕްޝަން ހުއްޓުވައި ދައުލަތުން ގެއްލުނު ރައްޔިތުންގެ ފައިސާ ރިކަވަރ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވީ ވަޢުދު ފުއްދުމަށްޓަކައި މަސައްކަތް ފަށާފައެވެ. އޭގެތެރޭގައި ދީބާޖާ ވައްކަން ވެސް ހިމެނެއެވެ.


ޚިޔާލުތަފާތުވުން ބޮޑު އެއްބަސްވުމަކާއި އޭގެ ނަތީޖާ

އެމްޑީޕީގެ އަލަތު ވެރިކަމުގައި 2010 ވަނަ އަހަރު ދީބާޖާ އިންވެސްޓްމަންޓުން ވަނީ އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް އިކޮނޮމިކް މިނިސްޓްރީއާ އެކު އެއްބަސްވުމެއް ހަދާފަ އެވެ. ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަންމަނިކުގެ ވެރިކަމުގައި އެ އެއްބަސްވުން އުވާލުމުން ދީބާޖާ ވަނީ ކޯޓުތައް މެދުވެރިކޮށް ގެއްލުމުގެ ބަދަލު ހޯދުމަށް އެދިފަ އެވެ. 2019 ވަނަ އަހަރު ސިވިލް ކޯޓުން ދީބާޖާއަށް 348 މިލިއަން ރުފިޔާ ބަދަލު ދިނުމަށް ނިންމިއެވެ. ނަމަވެސް އެ ކުރަން އުޅުނު ވައްކަން ފަހުން ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އެކަމާއި ގުޅިގެން ފައްޔާޒުގެ އިކޮނޮމިކް މިނިސްޓަރުކަމުގެ ދުވަސްވަރު އެމްޑީޕީން ދެން ދިމާކޮށްލީ އެންމެ ނުރައްކާތެރި ގޮތަށް އެ ފައިސާ ހޯދާށެވެ. އެގޮތުން ކުޅެލީ ސީދާ މާފިއާ އަންޑަރގްރައުންޑް އަނދިރި މިޝަން އެކެވެ. އެއީ ރައްޔިތުންގެ މަޖިލިސް ދީބާޖާ މައްސަލައިގެ ތެރެއަށް ވައްދައި، އެ ފައިސާ ދީބާޖާއަށް ނުދިނުމަށް ނިންމި ނިންމުން ބަދަލުކުރަން ދައުލަތަށް މަޖުބޫރު ކުރުވުމަށެވެ. އެގޮތުން އެމްޑީޕީން އެކަން ކާމިޔާބުކުރީ ރައްޔިތުންގެ މަޖިލީހުންނެވެ. ނަތީޖާއަކީ އިޖުރާއީ ގޮތުން ބަދަލު ދިނުމުގެ މުއްދަތު އަލުން ދީބާޖާއަށް ދިނުމަށް ސުޕްރީމް ކޯޓުން ޙުކުމް ކުރުމެވެ. މާނައަކީ ސުޕްރީމް ކޯޓަށް ލާޒިމްވީ ދީބާޖާއަށް ދައުލަތުގެ ޚަޒަނާއިން ބައެއް ނަގާފައި ދޭން އެންގުމެވެ.

ދީބާޖާގެ ނަމުގައި ބޮޑު ކޮރަޕްޝަނާއި ޚިޔާނާތާއި ވައްކަންތަކުގައި ރައްޔިތުންގެ މަޖިލިސް ބައިވެރިކުރުވުން އެއީ "މާފިޔާ ނެޓްވޯކާއި ވައްތަރު" އުޞޫލެއް.

ޚަޒާނާގައި ހުރި ފައިސާތައް ވަގަށް ނެގުމަށް އެމްޑީޕީގެ ސަރުކާރުގައި އޮތީ ގްރޫޕެއް ހަދާފައެވެ. އެ ގްރޫޕަށް ދީފައިވާ ނަމަކީ ސެޓްލްމެންޓް ކޮމިޓީއެވެ. ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު، އެފަދަ ވައްކަންތަކަށް މަގުފަހިކޮށްދިނުމަށް ހާއްސަކޮށް އެކުލަވާލާފައިވާ އުސޫލެއްގެ ދަށުން ދީބާޖާއަށް 64 މިލިއަން ރުފިޔާ ދިނުމަށް މައްސަލަ ބޮޑު ސެޓްލްމަންޓަކަށް އާދެވުނެވެ. މި އުސޫލަކީ ޤާނޫނު އަސާސީއާއި ޚިލާފު އަދި ސިޔާސީ އެޖެންޑާތަކެއް ޙާޞިލްކުރުމަށް ހިންގާ ޖަރީމާތަކެއް ކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި އިރު، ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ހޯދުމަށް ނުކުތީ ދީބާޖާގެ އެގްޒެކެޓިވް ވެރީންނެވެ. އެމީހުން އެމްޑީޕީ ހޮވުމަށް ރިޔާސީ އިންތިޚާބުގައި ފައިސާ ވެސް ޚަރަދުކުރިކަމަށާއި އެ ފައިސާ ތަކަކީ މިދެންނެވި ބަދަލުގެ ގޮތުގައޭ ބުނެ ޚަޒާނާއިން ވަގަށް ނެގި ފައިސާތައް ކަމަށް ތުހުމަތު ކުރެވޭ ހެކިތައް އެބަހުއްޓެވެ.

ދީބާޖާ އިންވެސްޓްމަންޓުގެ ޗެއާމަން އިބްރާހިމް ރަޝީދު.


މާލީ ގެއްލުމަށް ޤާނޫނީ ނަޒަރަކުން

ބަދަލު ދިނުމުގެ މަރުޙަލާގައި ހިނގާފައިވާ ޤަވާޢިދާއި ޚިލާފު ކަންކަން ހާމަކުރުމުގައި މިސަރުކާރުގެ އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. އޮޑިޓް ރިޕޯޓެއްގައިވާ ގޮތުން ކޮންޓްރެކްޓް މުއްދަތުގައި ދީބާޖާ ކުންފުންޏަށް ލިބުނު ގެއްލުމަށްވުރެ ލިބިފައިވާ ފައިދާ މާ ބޮޑެވެ. އަދި އެ މަޝްރޫއާ ގުޅުން ހުރި ފަޅުރަށެއް ވިއްކައިގެން ދިބާޖާއަށް ވަރަށް ބޮޑު ފައިދާއެއް ލިބިފައިވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، ދެކުނުގެ ރަށްތަކަށް ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުން ފެއިލްވުމާއި ގުޅިގެން އެއްބަސްވުން ބާޠިލް ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ސައްހަކަމާ މެދު ޤާނޫނީ ގޮތުން ބޮޑެތި ސުވާލުތަކެއް އުފެދިފައިވެ އެވެ.


މައްސަލަ ޖެހިފައިވާ އުސޫލުގެ ދަށުން ސޮއިކުރި ބަދަލު ދިނުމުގެ އެއްބަސްވުންތަކަކީ ޤާނޫނީ ގޮތުން ބާޠިލް އެއްބަސްވުންތަކެއް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ކަނޑައަޅާފަ އެވެ. މި ނިންމުމުގެ ސަބަބުން ދައުލަތަށް އެއް ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރެވޭއިރު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ މިކަމަށް ތާޢީދުކޮށް ގެއްލުނު ފައިސާ ހޯދުމަށް އަންގާފައެވެ.


ބަދަލުދިނުމުގެ ނަމުގައި ހިންގާ ޖަރީމާތައް ހުއްޓުވުމަށް ސަރުކާރުން އަޅުއްވާ ފިޔަވަޅުތައް

ދީބާޖާ މައްސަލަ ހައްލުކުރުމަށާއި ކުރިއަށް އޮތްތަނުގައި މިފަދަ ބޮޑެތި މާފިޔާ ޖަރީމާތައް ހުއްޓުވުމަށް ސަރުކާރުން ވަނީ ބައެއް ފިޔަވަޅުތައް އަޅާފައެވެ.

1. ސެޓްލްމަންޓް ކޮމިޓީ އުވާލުން: ދައުލަތުގެ ފައިސާތައް ވަގަށް ނެގުމަށް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް އެމްޑީޕީ ސަރުކާރުން ަމެއް ކިޔައި ހަދާފައިވާ ވަގުންގެ ކޮމިޓީ ހުއްދަ ދިން ޑިސްޕިއުޓް ސެޓްލްމަންޓް އެޑްވައިޒަރީ ކޮމިޓީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުވާލައްވައިފިއެވެ.

2. އެއްބަސްވުން ބާޠިލްކުރުން: ދީބާޖާގެ އެއްބަސްވުން ހިމެނޭހެމް ކުރީގެ ވެރިކަމުގައި ސޮއިކޮށްފައިވާ ބަދަލު ދިނުމުގެ ނުވަ އެއްބަސްވުން ބާތިލްކޮށްފިއެވެ.

3. އޮޑިޓް އޮފީހުގެ ލަފަޔަށް ބޯލެނބުން: ފައިސާ ހޯދުމާއި ހުއްދަ ނެތި ބަދަލު ދިނުމުގެ ނަމުގައި ކުރާ ވައްކަންތައް ހުއްޓުވުމަށް އޮޑިޓަރ ޖެނެރަލްގެ ލަފާތައް ތަންފީޛުކުރުމަށް ސަރުކާރުން ވަނީ ނިމްމާފައެވެ.

4. ގާނޫނީ އިޞްލާޙުތައް: ރައްޔިތުންގެ ފައިސާއިން ހިތުހުރި ގޮތަކަށް އެކި ނަންނަމުގައި ކުރީގެ ސަރުކާރުތަކުން ކޮށްފައިވާ ވައްކަމާއި ކޮރަޕްޝަންތައް ތަކުރާރުވިޔަނުދީ، އެގޮތަށް ހިންގާފައިވާ ޖަރީމަތަކުން ލިބިފައިވާ ނުވަތަ ލިބޭނެ ގެއްލުންތައް ރިކަވަރ ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް ބަންޑާރަ ނައިބުގެ އޮފީހުން ދަނީ ޤާނޫނަށް އިޞްލާޙް ގެނައުމަށް މަސައްކަތްތައް ކުރަމުންނެވެ.


ދައުލަތުގައި ހުރި ރައްޔިތުންގެ ޚަޒާނާ ޙިމާޔަތްކުރުން

ދީބާޖާ މައްސަލައިގައި ފާހަގަކޮށްފައިވަނީ ސަރުކާރުގެ ކޮންޓްރެކްޓްތަކުގައި ހިތުހުރި ގޮތަށް ކަންކަން ނުކުރުމެވެ. ރައްޔިތުންގެ ފައިސާއަށް މޮޅު ނަމެއް ކިޔާފައި ފޭރި ނުގަތުމެވެ. ކޮންމެ ނަމެއް އެޔަށް ކީކަމުގައި ވިޔަސް ވައްކަން ވާނީ ވައްކަމަށެވެ. ބަދަލު ދިނުމުގެ މަރުހަލާތަކުގައި މިހާރުގެ ވެރިކަމުގެ އަމާޒަކީ އާންމުންގެ އިތުބާރު އަލުން ހޯދައި ދައުލަތުގެ ވަސީލަތްތައް ރައްކާތެރިކުރުމެވެ. ދައުލަތުގެ ޚަޒާނާގައިވާ ރައްޔިތުންގެ ފައިސާއަކީ ވެރިން ބޭނުންވީމާ އެކިއެކި ނަންނަމުގައި ގާތް މީހުންނަށް ދޭންހުރި އެއްވެއް ނޫނެވެ. އެހެންކަމުން ރައްޔިތުންގެ ޚަޒާނާގައިވާ “ލޯވަޅުތައް ބެއްދުމަށް” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހަރުދަނާ ގާނޫނީ އޮނިގަނޑުތަކެއް ހެދުމަށް ބަންޑާރަ ނައިބަށް އަންގަވާފައެވެ. ބަދަލުގެ ނަމުގައި ހިމްގާ ޖަރީމާތައް ހުއްޓުވައި ރައްޔިތުންގެ ފައިސާ ޙިމާޔަތް ކުރުމަށެވެ. އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅާއި އެއްގޮތަށް ކޮރަޕްޝަން ހުއްޓުވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިންނެވެ.

މި އުޞޫލުން ކޮރަޕްޝަނަށް ނިމުމެއް ގެނައުމާއި ރައްޔިތުންނަށް މާލީ އިންސާފު ކަށަވަރުކޮށްދިނުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ އިޚްލާޞްތެރި މަސައްކަތްތައް ހާމަވެގެންދެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%