ނ. ޅޮހީގެ އައު ބަނދަރުގެ ފުރަތަމަ ބައި އަންނަ ހަފްތާގެ ތެރޭގައި ބޭނުންކުރަން ފެށޭނެކަމަށް މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމްޓީސީސީން މަޢުލޫމާތު ދީފިއެވެ.
ރާއްޖޭގައި މިވަގުތު ބޭނުންކުރަމުންދާ އެންމެ ދުވަސްވީ އެއް ބަނދަރު އޮތީ ނ. ޅޮހީގައެވެ. ސުނާމީގެ ފަހުން ތަރައްޤީކޮށްފައިވާ މި ބަނދަރަކީ ރައްކާތެރިކަމުގެ ގޮތުން ބަލާއިރުވެސް ބޭނުންކުރުން އެންމެ ރަނގަޅު ބަނދަރެއް ނޫނެވެ. އެހެންކަމުން ބަނދަރު އަލުން ތަރައްޤީވެގެން އައުމަކީ ރަށުގެ ރައްޔިތުން ނުހަނު އެދިއެދި ތިބިކަމެކެވެ.
ޅޮހީ ކައުންސިލްގެ ރައީސް އިބްރާހީމް މުޙައްމަދު ވިދާޅުވިގޮތުގައި، ބަނދަރުގެ ހާލަތު ދަށްވުމުގެ ސަބަބުން ރަށަށް އިޤްތިޞާދީ ގޮތުން ލިބެންޖެހޭ ފައިދާއާއި މަންފާ ލިބުމުގައި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ. އަދި ބަނދަރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވަނީ ސިއްޙީ ކުއްލި ޙާލަތްތަކުގައި ބަލިމީހުން ފުރުވާލަންޖެހޭ ވަގުތުތަކުގައިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އައު ބަނދަރުގެ މަޝްރޫޢުގެ ދަށުން 150 މީޓަރުގެ ކީވޯލްގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ޕޭވްމަންޓްގެ މަސައްކަތާއެކު ބަނދަރުގެ އެއްބައި ނިންމައި، އަންނަ ހަފްތާގެ ތެރޭގައި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 68 މިލިއަން ރުފިޔާ ހޭދަކޮށްގެން ތަރައްޤީކުރާ ބަނދަރެކެވެ. މުޅި މަޝްރޫޢު ނިމޭނެކަމަށް އެމްޓީސީސީން ލަފާކުރަނީ އަންނަ އަހަރުގެ ކުރީކޮޅަށެވެ. މަޝްރޫޢު ނިމުމުން ޅޮހީގެ ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ ފުރިހަމަ ބަނދަރެއްގެ ފަސޭހަކަން ލިބިގެންދާނެއެވެ.