ދުންފަތާއި ވޭޕްކުރުމާއި ދެކޮޅަށް ވަކާލާތު ކުރުމަށް ހެލްތު މިނިސްޓަރު ގޮވާލައްވައިފި

އާނާ ފަހީމް | 86 ދުވަސް ކުރިން - 19:30
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ޔުނިސެފުން އިސްނަގައިގެން ބޭއްވި ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ހެލްތް މިނިސްޓްރީ
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ޔުނިސެފުން އިސްނަގައިގެން ބޭއްވި ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ހެލްތް މިނިސްޓްރީ
ޚުލާސާ

ދުންފަތުގެ ވަބާއިން ސަލާމަތްވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ މަޢުލޫމާތު ހިއްސާކުރައްވައި ދިވެހިންގެ ދުޅަހެޔޮކަމަށް ހެޔޮއެދޭ ހުރިހާ އެންމެން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ވޭޕްކުރުމާއި ދެކޮޅަށް ވަކާލާތުކޮށްދިނުމަށް ހެލްތު މިނިސްޓަރު މިއަދު ގޮވާލައްވައިފި.

ދިވެހިންގެ ދުޅަހެޔޮކަމަށް ހެޔޮއެދޭ ހުރިހާ އެންމެން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ވޭޕްކުރުމާއި ދެކޮޅަށް ވަކާލާތުކޮށްދިނުމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ގޮވާލައްވައިފިއެވެ.

ޔުނިސެފުން އިސްނަގައިގެން ބޭއްވި ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، ގިނަ ދުވަސްވީ އާދަތައް ނައްތާލުމަކީ ފަސޭހަކަމެއް ނޫން ނަމަވެސް، އެންމެން ގުޅިގެން މަސައްކަތް ކުރުމުން ކާމިޔާބު ވާނެ ކަމަށެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ ދިވެހި ގައުމުގެ ދުޅަހެޔޮކަމަށް ހެޔޮއެދޭ ކޮންމެ ފަރާތަކުން، ކޮންމެ ދިވެހި ރައްޔިތެއް މި މައުޟޫގައި އިޚްލާޞްތެރިކަމާއެކު ވާހަކަދައްކަވައި، މިކަމުގައި އެޑްވޮކޭޓް ކުރައްވާ ބޭފުޅަކަށް ވެވަޑައިގަތުން," މިނިސްޓަރު ވިދާޅުވިއެވެ.

ދުންފަތުގެ ވަބާއިން ސަލާމަތްވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، މިދިޔަ މަހުގެ 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރުމާއި، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރުން ހިމެނެއެވެ. މީގެ އިތުރުން، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް އެހީތެރިވުމަށް ސިސޭޝަން ކްލިނިކްތައް ގާއިމްކުރުމަށް ބޭނުންވާ އިޞްލާޙުތައް ގާނޫނަށް ގެނެސްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދު ކަށަވަރުކޮށްދޭން ބޭނުންވަނީ މިފަދަ ސިސޭޝަން ކްލިނިކެއްގެ އެހީތެރިކަން އަމިއްލައަށް ބޭނުންވެގެން އެކަމަށް އެދޭ އެއްވެސް ދިވެހި ރައްޔިތަކަށް އެ ޚިދުމަތް ނުލިބި ނުހުންނާނެ ކަމެވެ. ރާއްޖޭގެ ހުރިހާ ރަށެއްގެ ޞިއްޙީ ދާއިރާގައި މީހުން ވަނީ ތަމްރީނު ކުރެވިފައެވެ," އޭނާ ވިދާޅުވިއެވެ.

ޔުނިސެފުން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު ޑރ. އެޑްވާޑް އަޑާއި ވިދާޅުވީ ދުންފަތާއި ވޭޕުން ޞިއްޙަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭކަން ކަށަވަރުވާ ކަމަށެވެ. އަދި ދުޅަހެޔޮ ޖީލެއް ބިނާކުރަން މުހިންމު ނިންމުންތަކެއް ދިވެހި ސަރުކާރުން ނިންމާފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ނާޒިމް އިތުރަށް ވިދާޅުވީ، ސަރުކާރުން މި ގެނައި ބަދަލުތަކުގެ ނަތީޖާ ފެންނަން ދުވަސްތަކެއް ނަގާފާނެ ކަމަށެވެ. ނަމަވެސް، މި މަސައްކަތުގައި ބުރަކޮށް މަސައްކަތްކުރި މީހުންގެ ނަން މުޅި އުމުރަށް ތާރީޚުގައި ލިޔެވިގެންދާނެ ކަމަށް ވިދާޅުވެ، މި މަސައްކަތުގައި ބައިވެރިވުމުގެ ޝަރަފު ކޮންމެ މީހަކު ވެސް ހޯދުމަށް އިލްތިމާސް ކުރެއްވިއެވެ.

މި ހަރަކާތަކީ ޔުނިސެފުން އިސްނަގައިގެން ފަށާފައިވާ ސިލްސިލާ މަޝްވަރާތަކުގެ ތެރެއިން، ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓުވުމާއި ވޭޕް މަނާކުރުން ތަންފީޒުކުރުމުގެ މައުޟޫޢަށް ބޭއްވި ހަރަކާތެކެވެ. މި ހަރަކާތުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި، ޔުނިސެފްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%