ޅަ ދަރިން ދުންފަތުން ރައްކާތެރިކުރުމަށް ސަރުކާރުން އެޅީ އުނދަގޫ ފިޔަވަޅުތަކެއް: ނާޒިމް

އަައިޝަތު ޒީނާ | 86 ދުވަސް ކުރިން - 14:25
"ކައިގެން ހިނގަމާ-ނެޝަނަލް ރައުންޑް ޓޭބަލް" ގެ 4 ވަނަ ބައްދަލުވުމުގައި މިނިސްޓަރ ނާޒިމް ވާހަކަދައްކަވަނީ. / ފޮޓޯ: ހެލްތު މިނިސްޓްރީ
"ކައިގެން ހިނގަމާ-ނެޝަނަލް ރައުންޑް ޓޭބަލް" ގެ 4 ވަނަ ބައްދަލުވުމުގައި މިނިސްޓަރ ނާޒިމް ވާހަކަދައްކަވަނީ. / ފޮޓޯ: ހެލްތު މިނިސްޓްރީ
ޚުލާސާ

މިނިސްޓަރ ނާޒިމް ވިދާޅުވީ، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނާއި އެހެނިހެން ފިޔަވަޅުތަށް އެންމެ އެކަށީގެންވާ އަދި ނަތީޖާ ޙާޞިލުވެ ދެމެހެއްޓެނިވި ގޮތެއްގައި ކުރުމުގެ މަސައްކަތް ފެށިފައިވާކަމަށް.

ޅަ ދަރިން ދުންފަތުން ރައްކާތެރިކުރުމަށް ސަރުކާރުން އެޅީ އުނދަގޫ އެހެނަސް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއް ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ހެލްތު މިނިސްޓްރީ އާއި ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ އ.ދ ގެ އިދާރާ ޔުނިސެފް އިން އިސްނަގައިގެން، ކަމާގުޅޭ އެންމެހާ އިދާރާތަށް އެއްމޭޒުދޮށަށް ގެނެސް މަޝްވަރާކުރުމަށް "ކައިގެން ހިނގަމާ-ނެޝަނަލް ރައުންޑް ޓޭބަލް" ގެ ނަމުގައި ރާއްޖޭގައި ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ 4 ވަނަ ބައްދަލުވުމުގެ ތެރެއިންނެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ބައްދަލުވުމުގެ ތީމަކީ އަދާއި މާދަމާގެ ޖީލު، ދުންފަތުން ރައްކާތެރިކުރުމުގެ މައްޗަށް އަދި ވަކިން ޚާއްޞަކޮށް ދުންފަތް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ މައްޗަށް އަލިއަޅުވާލުން ކަމަށެވެ. މި ބައްދަލުވުމުގައި މި ތީމާއި ގުޅޭ ޚާއްޞަ ޕެނަލް ޑިސްކަޝަންއެއްވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ، ދުންފަތުން މީހުން ރައްކާތެރިކުރުމަށް އަދި ވަކިން ޚާއްޞަކޮށް ޅަ ދަރީން ދުންފަތުގެ ތަފާތު ބާވަތްތަކަށް ހުށަހެޅޭ ހުށަހެޅުމުން ސަލާމަތްކުރުމަށް، ސަރުކާރުން އުނދަގޫ އެހެނަސް ކޮންމެހެން އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތަކެއް އަޅާ، ތަންފީޒީ މަސައްކަތް ކުރަމުންދާކަމަށެވެ.

"ކައިގެން ހިނގަމާ-ނެޝަނަލް ރައުންޑް ޓޭބަލް" ގެ 4 ވަނަ ބައްދަލުވުމުގެ ތެރެއިން. / ފޮޓޯ: ހެލްތު މިނިސްޓްރީ

މިފަދަ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް މިއީ މުނާސަބު ވަގުތެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނާއި އެހެނިހެން ފިޔަވަޅުތަށް އެންމެ އެކަށީގެންވާ އަދި ނަތީޖާ ޙާޞިލުވެ ދެމެހެއްޓެނިވި ގޮތެއްގައި ކުރުމުގެ މަސައްކަތް ފެށިފައިވާކަމަށެވެ.

މިއަދުގެ ޑިސްކަޝަން އަދި ބައްދަލުވުމުގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނާއި ޤަވާޢިދު ތަންފީޒު ކުރުމުގެ މުހިންމުކަމަށް މަޝްވަރާކޮށްފައިވާއިރު، ކުރިއަށް އޮތްތަނުގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނީ އަދި އެހެނިހެން ފިޔަވަޅުތަށް ތަންފީޒު ކުރުމާބެހޭ ގްރޫޕް މަސައްކަތްތަކެއް ކުރިއަށް ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. މި ގްރޫޕްތަކުގެ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް ނިންމުންތަކެއް ނިންމާ ހުރިހާ ގުޅުންހުރި ދާއިރާތަކުން އެކުގައި މަސައްކަތް ކުރާނެގޮތުގެ ހުށަހެޅުންތަކެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ދުންފަތް ކޮންޓްރޯލް ކުރުމަށް މިހާރު އެކުލަވާލަމުންދާ މާސްޓަރ ޕްލޭން ހެދުމުގައި މި ނިންމާ ނިންމުތަށް ހިމެނިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%