އަލިފާނުގެ ޙާދިސާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް އެނގޭ ނަމަ ފުލުހުންނާ ޙިއްސާކުރަން އެދިއްޖެ

އަހްމަދު އީޒާން | 132 ދުވަސް ކުރިން - 17 ޑިސެންބަރު 2024 11:56
ހައުސިންގ މިނިސްޓްރީގެ އިމާރާތުގައި ރޯވެފައި. / ފޮޓޯ: ޚުލާސާ
ހައުސިންގ މިނިސްޓްރީގެ އިމާރާތުގައި ރޯވެފައި. / ފޮޓޯ: ޚުލާސާ
ޚުލާސާ

ފުލުހުން ބުނީ އެ ޙާދިސާގެ ތަޙުޤީޤަށް ބޭނުންކުރެވިދާނެ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ މީހެއް ހުރި ނަމަ ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9911099 އަށް ގުޅައި މަޢުލޫމާތު ޙިއްސާކުރުމަށް އެދޭ ކަމަށް.

މިދިޔަ ބުރާސްފަތި ދުވަހު ހައުސިންގ މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް އެނގޭ ނަމަ ފުލުހުންނާ ޙިއްސާކޮށްދިނުމަށް މިއަދު އެދިއްޖެއެވެ.

ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ ޙާދިސާގެ ތަޙުޤީޤަށް ބޭނުންކުރެވިދާނެ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ މީހެއް ހުރި ނަމަ ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9911099 އަށް ގުޅައި މަޢުލޫމާތު ޙިއްސާކުރުމަށް އެދޭ ކަމަށެވެ.

"މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް މި ފުރުޞަތުގައި ޝުކުރު ދަންނަވަމެވެ." ފުލުހުން ބުންޏެވެ.

އަލިފާނުގެ ޙާދިސާގެ ތަޙުޤީޤުގައި ބޭރުގެ ތަޖުރިބާކާރުންގެ އެހީ ހޯއްދަވާނެ ކަމަށް ވެސް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވަނީ ވިދާޅުވެފައެވެ.

ސީޕީ ވިދާޅުވި ގޮތުގައި، އަލިފާން ނިއްވުމުގައި ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްފައިވެއެވެ. އަދި އަލިފާނުގެ ޙާދިސާ ހިނގި ސައިޓް ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ފުލުހުންގެ ފޮރެންސިކް ޓީމުތަކުން އެ ސަރަޙައްދުގައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި ސީސީޓީވީ ފުޓޭޖްތައް ހޯދައި އެނަލައިޒް ކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދާ ކަމަށެވެ.

އެ ޙާދިސާގެ މަންޒަރު އެންމެ ފުރަތަމަ ދުށް މީހުންގެ ބަޔާން ނެގުމުގެ މަސައްކަތާއި އެ ވަގުތު އެތަނުގައި ތިބި މީހުންގެ އިތުރުން، އިތުރު މީހުންގެ ފަރާތުން ވެސް މަޢުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސީޕީ ވިދާޅުވެފައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހައުސިންގ މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގައި އެ އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އެހެންވެ، އެ ހުރިހާ މިނިސްޓްރީއެއްގެ މަސައްކަތްތައް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކޮށް، މިދިޔަ އާދިއްތަ ދުވަހު ވަނީ ޚިދުމަތްތައް އަލުން ފަށާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%