ދުނިޔެ ހޫނުވާ މިންވަރު ކުޑަކޮށް، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށްޓަކައި، ހުރިހާ ޤައުމުތަކުގެ ވެއްޓަށް ފެތޭ، އިންސާފުވެރި މޫސުމީ ސިޔާސަތެއް މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. "ޗައިނާ-އިންޑިއަން އޯޝަން ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ، ދިވެހިންގެ ޝަޚްޞު ބިނާކުރުމުގައްޔާއި، ދިވެހިންގެ އިޤްތިޞާދު ބައްޓަންކުރުމުގައި ކަނޑުގެ ދިރުންތައް އަދާކުރާ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެމަނިކުފާނު ވަނީ ފަތުރުވެރިކަމާއި މަސްވެރިކަމަކީ ދިވެހިރާއްޖޭގެ އާމްދަނީގައި އަސާސީ ހިއްސާދާރުންކަން ފާހަގަކުރައްވާފައެވެ. އަދި ޤަވާއިދާއި ޚިލާފަށް ކުރާ އައި.ޔޫ.ޔޫ މަސްވެރިކަމުން ދިވެހި މަސްކަނޑުތަކުގެ ސްޓޮކް ނުރައްކަލަށް ހުށަހެޅި، ދިވެހި މަސްވެރިންގެ އާމްދަނީ ހިރާސްވެ، ކާބޯތަކެތީގެ ރައްކާތެރިކަމަށްވެސް އަސަރުކުރާކަމަށް ވިދާޅުވިއެވެ.
ނައިބު ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން ނާއިންސާފު މިންވަރަކަށް ތަޙައްމަލުކުރަންޖެހެއެވެ. އަދި މި އަސަރުތަކަށް އަހުލުވެރިވެ ހޭނުމަށާއި، އަސަރުތައް ކުޑަކުރުމަށް ރާއްޖެއިން މަސައްކަތްކުރަމުންދަނީ މަދު ވަޞީލަތްތަކެއް ބޭނުންކޮށްގެންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސް ވާހަކަފުޅު ނިންމަވާލެއްވީ، ބްލޫ އިކޮނޮމީގެ އެހީގައި ދެމެހެއްޓެނިވި ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަހައްމިއްޔަތުކަންދެއްވާކަން ފާހަގަކުރައްވައި، ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ހަރުދަނާ ގުޅުމަށް އިޝާރާތްކުރައްވަމުންނެވެ.